ލަންޑަން (އޮގަސްޓް 23) – ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ އިންގްލެންޑުގެ ސްކޮޑުގައި ހިމެނެން ލިބުނު ފުރުސަތު ދޫކޮށްލުމަށް ފަހު ކެޕްޓަން ވޭން ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ފޯމުން ކަޓާފައި ހުރި ފޯވާޑް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ކުރީގެ ކްލަބް އެވަޓަނަށް ބަދަލުވެ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ދެ މެޗުން ދެ ގޯލް ޖަހައިފަ އެވެ.

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ އަންނަ މަހު މާލްޓާ އާއި ސްލޮވާކިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނަގާ ސްކޮޑުގައި ރޫނީ ހިމަނަން ބޭނުންވާކަން އޭނާ އަށް އަންގައިފަ އެވެ. އެކަމަކު ރޫނީ ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ.

"ގައުމީ ޓީމަށް އަހަރެން ނަގާ ކޮންމެ ފަހަރަކީ ލިބޭ ޝަރަފެއް. އެކަމަކު އަހަންނަށް ގަބޫލުކުރެވެނީ މިއީ ދުރުވާންވީ ވަގުތު ކަމަށް،" ރޫނީ ބުންޏެވެ.

ރޫނީ، 31، އިންގްލެންޑް ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އޭނާ ވަނީ އުމުރުން 18 އަހަރުގައި 2004 ވަނަ އަހަރުގެ ޔޫރޯގައި ކުޅެފަ އެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް އޭނާ އިންގްލެންޑަށް ކުޅުނެވެ.

ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ ކޮޅަށް ލަނޑު ޖަހައި ލީގުގައި 200 ލަނޑު ހަމަކުރުމަށް ފަހު ރޫނީ ބުނީ ގައުމީ ޓީމުން ފުރުސަތު ހޯދުމަށް ވުރެ ސަމާލުކަންދެނީ އެވަޓަން އަށް ކަމަށެވެ. އެކަމަކު ގިނަ ބަޔަކު ހީކުރީ ވޯލްޑް ކަޕް އަހަރު ކުރިއަށް އޮތުމުން ސްކޮޑުން ފުރުސަތު ހޯދަން އޭނާ ބޭނުންވާނެ ކަމަށެވެ.

ރޫނީ ވަނީ އިންގްލެންޑަށް 119 މެޗުން 53 ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ އިންގްލެންޑް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއާ ވެސް މެ އެވެ.