ލަންޑަން (ނޮވެމްބަރު 21) - އިނގިރޭސި މީޑިއާއިން އަންނަނީ އޭނާގެ އަގުވައްޓާލަން މަސައްްކަތްކުރަމުން ކަމަށް އިންގްލެންޑުގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.
މިދިޔަ ހަފްތާގައި ސްކޮޓްލެންޑް އަތުން އިންގްލެންޑް މޮޅުވި މެޗަށް ފަހު އިންގްލެންޑުގެ ޓްރެވަލް ކިޓުގައި ކައިވެނި ޕާޓީ އަކަށް ގޮސް ރޫނީ މަސްތުގެ ހާލުގައި ހުއްޓާ ވަނީ މީޑިއާގައި ފޮޓޯއެއް އާންމުވެފަ އެވެ. މިކަމާ ގުޅިގެން އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ކައިިރިން ރޫނީ މައާފަށް އެދުނުއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އިންގްލެންޑް ޓީމުގެ އުސޫލުތަކަށް ފާޑުކިޔައިފަ އެވެ.
އިނގިރޭސި އެފްއޭގެ ޗީފް އެގްޒެކްޓިވް މާޓިން ގްލެން ވަނީ ރޫނީގެ މައްސަލަ އެ އެސޯސިއޭޝަނުން ބަލަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ރޫނީ ވަނީ އިނގިރޭސި މީޑިއާތަކަށް ފާޑުކިޔައިފަ އެވެ.
"މީޑިއާތަކުން އަންނަނީ އަހަރެންގެ އަގުވައްޓާލުމަށް މަސައްކަތްކުރަމުން. ނޫސްވެރިން ޒިންމާދާރުކަމާ އެކީ މަސައްކަތް ނުކުރާތީ ކަންބޮޑުވަން. އަހަރެން މީޑީއާ އަށް ދޭން އޮތް މެސެޖަކީ އަހަރެން އަދި ނުނިމެއޭ. ފާޑުކިއުމަކީ ކުރިއެރުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި އަހަރެން ދެކެނީ،" ރޫނީ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހަތަރު ދުވަސްތެރޭގައި މި މައްސަލައާ ގުޅޭގޮތުން އިނގިރޭސި އެފްއޭ އިން ރޫނީއާ ސުވާލުކުރާނެ އެވެ. އަދި މިކަމުގައި ރޫނީ ގަވައިދަކާ ހިލާފުވެއްޖެނަމަ އޭނާ އަތުން އިންގްލެންޑުގެ ކެޕްޓަން ބޭންޑް ނެގުން އެކަށީގެންވެ އެވެ.
އަނިޔާގެ ސަބަބުން މިދިޔަ އަންގާރަ ދުވަހުގެރޭ އިންގްލެންޑާއި ސްޕެއިން އެއްވަރުވި މެޗުގައި ރޫނީ ނުކުޅެ އެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ރޫނީ ކުޅުނެވެ. ރޫނީ ކުޅެން އެރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގަ އެވެ.
އިންގްލެންޑުން އަންނަނީ ވަގުތީ ގޮތުން އެ ޓީމާ ހަވާލުވެގެން ހުރި ކޯޗު ސައުތުގޭޓަށް ދާއިމީ އެއްބަސްވުމެއް ދިނުމުގެ މަޝްވަރާތައް ކުރަމުންނެވެ. ސައުތުގޭޓް ވަނީ އިންގްލެންޑުން ދާއިމީ ކޮންޓްރެކްޓެއް ދޭނަމަ ބޭނުމީ 2020ގެ ނިޔަލަށް އެ ޓީމުގައި މަޑުކުރާ ގޮތަށް ކޮންޓްރެކްޓުގައި ހިމެނުމަށް ކަމަށް ބުނެފަ އެވެ.