ލަންޑަން (އޮގަސްޓް 25) - އެވަޓަންގެ ފޯވާޑް ވޭން ރޫނީ އިންގްލެންޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުން ގަބޫލުނުކުރެވޭ ކަމަށް އޭނާ އަށް އިންގްލެންޑް ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ދިން ކޯޗު ސްވިޑެންގެ ސްވެން ގޯރަން އެރިކްސަން ބުނެފި އެވެ.

ކުރީގެ ކްލަބް އެވަޓަނަށް ބަދަލުވެ ރޫނީ އަންނަނީ މި ފަހަރު ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ދެ މެޗުން ދެ ގޯލް ޖަހައިފަ އެވެ. އުމުރުން 31 އަހަރުގެ ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ވޯލްޑް ކަޕް ކޮލިފައިންގެ މި ފަހަރުގެ މެޗުތަކަށް އިންގްލެންޑު ސްކޮޑު އިއުލާނުކުރަން ކުޑަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށެވެ.

"އަހަންނަށް ނޭނގެ ރޫނީ ގައުމީ ޓީމުން ރިޓަޔަކުރަންވީ ސަބަބެއް. އޭނާގެ އުމުރުން އަދި 31 އަހަރު އަދި އޭނާ އަށް ގައުމީ ޓީމަށް ކުޅެވޭނެ. ވޯލްޑް ކަޕުގައި އިންގްލެންޑަށް އޭނާ މުހިއްމު،" އިންގްލެންޑަށް 2001 އިން 2006 އަށް ކޯޗުކޮށްދިން އެރިކްސަން ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އެރިކްސަން ބުނީ އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ރޫނީގެ ރިޓަޔަމެންޓް ލަސްކުރަން އޭނާ ގާތުގައި އެދެން ޖެހޭނެ ކަމަށެވެ.

"ސައުތުގޭޓް ޖެހޭނެ ރޫނީއާ މަޝްވަރާކުރަން. މިހާރު އިންގްލެންޑުގެ ސްކޮޑުގައި ނެތް އެޓޭކުގައި ތަޖުރިބާހުރި ލީޑަރެއް. ރޫނީގެ ރިޓަޔަމެންޓް ލަސްކުރަން ސައުތުގޭޓް މުހިއްމު ޒިންމާއެއް އަދާކުރަން ޖެހޭނެ،" އެރިކްސަން ބުންޏެވެ.

ސައުތުގޭޓް ވަނީ ރޫނީ އަކީ އިންގްލެންޑުގެ ގައުމީ ޓީމުގެ ހިދުމަތްތެރިއެއް ކަމަށް ބުނެ އޭނާގެ ނިންމުމަށް ތާއީދު ކޮށްފަ އެވެ. އަދި އިންގްލެންޑު ގައުމީ ޓީމަށް ރޫނީ ކުޅެދިން ކޮންމެ މެޗެއްގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާ ކަމަށެވެ.

އިންގްލެންޑް ގައުމީ ޓީމަށް ރޫނީ ފުރަތަމަ ކުޅުނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އޭނާ ވަނީ އުމުރުން 18 އަހަރުގައި 2004 ވަނަ އަހަރުގެ ޔޫރޯގައި ކުޅެފަ އެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް އޭނާ އިންގްލެންޑަށް ކުޅުނެވެ.

ރޫނީ ވަނީ އިންގްލެންޑަށް 119 މެޗުން 53 ގޯލް ޖަހައިދީފަ އެވެ. އޭނާ އަކީ އިންގްލެންޑް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއާ ވެސް މެ އެވެ.