ލަންޑަން (ނޮވެމްބަރު 5) - އަންނަ ހަފްތާގައި އެމެރިކާއާ ދެކޮޅަށް އިންގްލެންޑުން ވެމްބްލީގައި ކުޅޭ އެކުވެރިކަމުގެ މެޗު އިންގްލެންޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އަށް ހާއްސަކޮށްފި އެވެ.
މިއީ މީގެ ދެ އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އުމުރުން 33 އަހަރުގެ ރޫނީ އަލުން ގައުމީ ޓީމަށް ކުޅޭނެ ފުރަތަމަ މެޗެވެ. މި މެޗު ކުޅެގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ "ދި ވޭން ރޫނީ ފައުންޑޭޝަން އިންޓަނޭޝަނަލް" އަށެވެ. މި މެޗަށް ނަން ދެވިފައިވަނީ ވެސް އެ ގޮތަށެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ރޫނީ މިހާރު ކުޅެމުން އަންނަނީ އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ ޑީސީ ޔުނައިޓެޑް އަށެވެ. އެ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑަށް ވެސް ރޫނީ ވަނީ ނޮމިނޭޓްވެފަ އެވެ.
އިނގިރޭސި އެފްއޭ އިން ބުނީ ރޫނީ އަށް ހާއްސަކޮށް މި މެޗު ކުޅެން ނިންމި ސަބަބަކީ އޭނާ އަކީ އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ ކަމަށާއި ޝަރަފްވެރިކަމާ އެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"މި ފުރުސަތު ދިނީތީ އަހަރެން އެފްއޭ އާއި އިންގްލެންޑްގެ ކޯޗު ސައުތުގޭޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރެން ގައުމީ ޓީމަށް ކުޅެދޭ 120 ވަނަ މެޗު އަދި އެންމެ ފަހު މެޗު އަހަރެންގެ ބޮޑު މަސައްކަތަކަށް އެހީވާތީ ވަރަށް އުފާވޭ. އެމެރިކާއާ ދެކޮޅަށް ކުޅޭ މި މެޗުގައި ދެ ޓީމުގެ ސަޕޯޓަރުންނަށް ހާއްސަ،" އިންގްލެންޑަށް 53 ލަނޑު ޖަހައިދީފައިވާ ރޫނީ ބުންޏެވެ.
ސައުތުގޭޓް ބުނީ ރަސްމީ ޝަރަފުގައި އިންގްލެންޑުން ރިޓަޔާކުރުމުގެ ފުރުސަތު ރޫނީ އަށް ދޭން ޖެހޭ ކަމަށާއި އޭނާ އަކީ އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރެކޯޑް އޮތް ކުޅުންތެރިޔާ ކަމަށެވެ.
ރޫނީ އެންމެ ފަހުން އިންގްލެންޑަށް މެޗެއް ކުޅުނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސްކޮޓްލެންޑާ ދެކޮޅަށެވެ. އެމެރިކާއާ ދެކޮޅަށް މި މަހު 15 ވަނަ ދުވަހު ކުޅޭ މެޗަށާއި ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނަގާ އިންގްލެންޑްގެ ސްކޮޑު އިއުލާންކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.