މައުލޫމާތެއް ސާފުކުރަން ކަމަށް ބުނެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ފުލުހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

ޓްވީޓާއި ފޭސްބުކްގައި ސަރުކާރަށް ވަރަށް ފާޅުގައި ފާޑުކިޔާ ލޫކަސް އަށް ފޮނުވި ޗިޓުގައި ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކަށް މައުލޫމާތެއް ސާފުކުރަން މާދަމާ މެންދުރު ފަހު 2:30ހާއިރު ޝަހީދު އާދަމް ބިލްޑިން އަށް ހާޒިރުވުމަށެވެ.

އެ ޗިޓާއެކު ލޫކަސްގެ ފޭސްބުކުގައި ޖަހާފައިވަނީ "ޗިޓު ފޮނުވިއަސް، އަނދަގޮނޑި ޖެހިއަސް، ރާއްޖޭގެ ރަށްތަކާ އަތޮޅުތައް ވިއްކުމާ އަޅުގަނޑު ދެކޮޅު ހަދާނަން. ރާއްޖެ އަކީ ދިވެހީންގެ މިލްކެއް،" ކަމަށެވެ. އޭނާ އަންނަނީ ފ. އަތޮޅު، ސައޫދީގެ އިސް ފަރާތްތަކަށް ވިއްކާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް އެ އަތޮޅު ވިއްކާލުމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެެވެ.

ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދާކަމުގެ ތުހުމަތުގައި މިިދިޔަ އަހަރުގެ ޖުލައި މަހު ވެސް ލޫކަސް ހައްޔަރުކުރި އެވެ. ނަމަވެސް ދެ މަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްުޓުމަށްފަހު އެކަށީގެންވާ ހެކި ނެތިގެން ދައުވާ ނުކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ.

މައުލޫމާތެއް ސާފުކުރަން ކަމަށް ބުނެ ރާއްޖެޓީވީގެ ދެ ނޫސްވެރިއަކު ވެސް ވަނީ މިިދިޔަ އަންގާރަ ދުވަހު ފުލުހަށް ހާޒިރުކޮށްފަ އެވެެ.