ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް)ގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް މިއަދު ޖަހައިފި އެވެ.
މިދިޔަ މަހުގެ 29 ގައި ޝަމްއޫން ހައްޔަރުކޮށް، ޖެހިގެން އައި ދުވަހު އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދިނެވެ. އޭނާގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް މިއަދު އިތުރު މި ކުރީ މެންދުރު ފަހު ކޯޓަށް ގެންދިއުމުންނެވެ.
ޝަމްއޫން ހައްޔަރުކުރީ ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ޝަމްއޫނަކީ ޓުވިޓާ އާއި ފޭސްބުކުގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ފާޅުގައި ފާޑުކިޔާ މީހެކެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެ އެވެ.
ޝަމްއޫން ހައްޔަރު ކުރިއިރު، ކުރެއްވި ޓުވީޓަކާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެ އެވެ.