ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ޝަރުތުތަކާ އެކު ހައި ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ހައްޔަރުކުރި ޝައްމޫންގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާއިރު، އެއިން ކޮންމެ ފަހަރަކު ވެސް ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އިތުރުކޮށްދިން މުއްދަތަށް ހައި ކޯޓުން ކުރިން ވަނީ ތާއީދުކޮށްފަ އެވެ.
ޝައްމޫންގެ ބަންދަށް އެންމެ ފަހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު އިތުރުކޮށްދިން މުއްދަތު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު އޭނާ ދޫކޮށްލަން އަމުރުކުރީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
އެގޮތުން ދައުލަތުގެ އިދާރާތަކާ މެދު ނަފްރަތު އުފެދޭ ފަދަ އަމަލެއް ނުކުރުމަށާއި ފުލުހުންގެ ހުއްދަ ނެތި ރާއްޖެއިން ބޭރަށް ނުދިއުމަށާއި ފުލުހުން ބޭނުންވެއްޖެ ނަމަ ޝައްމޫން ދިރިއުޅޭ ތަން ފާސްކުރަން އެއްބާރުލުން ދިނުމަށާއި ފުލުހުން ބޭނުންވެއްޖެ ނަމަ ޝައްމޫން ބޭނުންކުރާ މުއާސަލާތީ ވަސީލަތްތައް ފުލުހުންނަށް ދޭން ވަނީ ޝަރުތުުކޮށްފަ އެވެ.
މި މައްސަލާގައި ޝައްމޫންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން އެ ޝަރުތުތައް އޭނާގެ މައްޗަށް ހިނގާނެ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.