ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ޝައްމޫން ޖަލީލް (ލޫކަސް) ޕޮލިހަށް ހާޒިރުކޮށް، އޭނާގެ ފޯނު މިއަދު އަތުލައިފަ އެވެ.
ރައްޔިތުންގެ މެދުގައި ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާތީ، ލޫކަސްގެ މޯބައިލް ފޯނާއި ސިމްކާޑުތަކާއި މެމޮރީކާޑު އަދި އިލެކްޓްރޯނިކް ސާމާނު ތިން މަސް ދުވަހަށް ހިފެހެއްޓުމުގެ ހުއްދަ ކްރިމިނަލް ކޯޓުގެ އަމުރަކުން ފުލުހުންނަށް ވަނީ ދީފަ އެވެ.
އިދިކޮޅު އެމްޑީޕީ އަށް ތާއީދުކުރާ ސޯޝަލްމީއާ އެކްޓިވިސްޓު ލޫކަސްގެ ފޯނުން ކޮށްފައިވާ އެންމެހައި މުއާމަލާތްތަކާއި މެސެޖްތަކުގެ ތަފްސީލާއި އޭނާގެ ފޯނަށް ލިބފައިވާ ކޯލުތަކާއި މެސެޖްތަކުގެ ތަފްސީލު ވެސް ފުލުހުންނަށް ދޭން ލޫކަސް އަށް އަމުރުކޮށްފައިވެ އެވެ.
ފުލުހުން ތަހުގީގުކުރަނީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު، ފުލުހުން ތަހުގީގު ކުރަނީ ފިތުނައުފެދޭ ގޮތަށް މައުލޫމާތު ފަތުރާ މައްސަލައެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވާއިރު، ފ. އަތޮޅު ސައޫދީ އަރަބިއްޔާގެ އިސް ފަރާތްތަކަކަށް ވިއްކާލުމާ ދެކޮޅަށް އޭނާ އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި އެކި ލިއުންތައް ލިއަމުންނެވެ.
ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދާކަމުގެ ތުހުމަތުގައި މިިދިޔަ އަހަރުގެ ޖުލައި މަހު ވެސް ލޫކަސް ހައްޔަރުކުރި އެވެ. ނަމަވެސް ދެ މަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްުޓުމަށްފަހު އެކަށީގެންވާ ހެކި ނެތިގެން ދައުވާ ނުކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ.