ލަންޑަން (ޑިސެމްބަރު 19) - އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބާޓަން އަލްބިއަން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ރަށުންބޭރުގައި ލެސްޓާ ސިޓީއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން ސިޓީ މޮޅުވީ 4-2 އިންނެވެ. އަނެއް މެޗުގައި ތިން ވަނަ ޑިވިޝަނުގެ ބާޓަން ވަނީ ރަށުން ބޭރުގައި 1-0 އިން މިޑްލްސްބަރާ ބަލިކޮށް ފުރަތަމަ ފަހަރަށް ސެމީން ޖާގަ ހޯދައިފަ އެވެ.
އަނިޔާއިން ރަނގަޅުވެ ދާދި ފަހުން ޓީމާ ގުޅުނު ކެވިން ޑި ބްރޭނާގެ ގޯލުން ސިޓީ ވަނީ ރޭގެ މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. ދެ ވަނަ ހާފުގައި ލެސްޓާ އަށް އެއްވަރުކޮށްދިނީ މާކް އޯލްބްރައިޓަން އެވެ.
ޕެނަލްޓީގައި ވިދާލީ ސިޓީގެ އުމުރުން 20 އަހަރުގެ ކޮސޯވޯ ކީޕަރު އަރިޔަނިޓް މުރިޗް އެވެ. މިއީ މުރިޗް ސިޓީ އަށް ކުޅެދިން ދެ ވަނަ މެޗެވެ. ލެސްޓާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ލެސްޓާގެ ކަގްލާ ސޮޔުންކޫ އާއި ޖޭމްސް މެޑިސަން ޖެހި ބޯޅަ މުރިޗް މަތަކުރިއިރު، ކްރިސްޓިއަން ފުޗްސް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ލެސްޓާ އިން ޕެނަލްޓީ ކާމިޔާބުކުރީ ހެރީ މެގުއާ އެވެ. ސިޓީގެ ރަހީމް ސްޓާލިން ޖެހި ޕެނަލްޓީ ހުރަސްދަނޑިމަތިން ދިޔައިރު ގަބްރިއެލް ޖީސޫސް އާއި އިލްކާއި ގުންޑޮގާން އަދި އޮލެކްސަންޑަ ޒިންޗެންކޯ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
ރޭ ސިޓީގެ މެޗު ކުރިއަށްދިޔައިރު އެ ޓީމުގެ ސަޕޯޓަރުން ވަނީ އިއްޔެ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ހޯސޭ މޮރީނިއޯ އަލުން ގެންނަން ޖެހޭ ކަަމަށް ބުނެ ޔުނައިޓެޑަށް މަލާމަތްކުރާ މޭރުމުން އަޑުއުފުލައިފަ އެވެ. މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެ ފަދަ ކަންތައްތަކަށް އޭނާ ސަމާލުކަން ނުދޭ ކަމަށާއި ބަލަނީ ދަނޑުމަތީގައި ހިނގާ ކަންތައްތަކަށް އެކަނި ކަމަށެވެ.
މިޑްލްސްބަރާ ދަނޑުގައި ކުޅުނު މެޗުގައި ބާޓަންގެ ހަމައެކަނި ލަނޑު ޖެހީ ޖޭކް ހެސްކެތު އެވެ. ބާޓަންގެ ކޯޗު ނައިގެލް ކްލޯގް ބުނީ މިއީ ބާޓަން ތާރީހުގައި އެންމެ ހާއްސަ އެއް ކާމިޔާބީ ކަމަށާއި ސެމީ އަށް ނުކުންނާނީ ވެސް ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.