މެންޗެސްޓާ (ޖެނުއަރީ 10) – ބްރިސްޓަލް ސިޓީ 2-1 އިން ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ފައިނަލާ ގާތަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުން އެ ޓީމު މޮޅުވީ ފަހަތުން އަރަ އެވެ. ބްރިސްޓަލްގެ ބޮބީ ރީޑް މެޗުގެ 44 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ސިޓީ އަށް 55 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ. އެ ޓީމު މޮޅުކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ވަނީ އެފްއޭ ކަޕުގައި ބާންލީ އަތުން ހޮނިހިރު ދުވަހު ސިޓީ 4-1 އިން މޮޅުވި މެޗުގައި ވެސް ދެ ގޯލް ޖަހައިފަ އެވެ.

ސިޓީ އާއި ބްރިސްޓަލް ބައްދަލުކުރާ ދެ ވަނަ ލެގު މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެރޭ އެވެ. އެ މެޗު ކޮންމެ ނަތީޖާއަކުން އެއްވަރުކޮށްލައިގެން ވެސް ސިޓީ އަށް ފައިނަލަށް ދެވޭނެ އެވެ.

މި ސީޒަން ސިޓީ އަށް ކުރިއަށްދަނީ ވަރަށް ކާމިޔާބުކޮށެވެ. ޕްރިމިއާ ލީގުގެ ކުރީގައި އެ ޓީމު ބޮޑު ލީޑެއްގައި އޮތްއިރު ލީގު ކަޕުގެ ފައިނަލާ އެއޮތީ ގާތުގަ އެވެ. އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން ވެސް ޖާގަ ހޯދާފައިވާއިރު ޗެމްޕިއަންސް ލީގުގައި އަދި ނަތީޖާތައް ވަރަށް ރަނގަޅެވެ.

ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ޗެލްސީ އާއި އާސެނަލް އެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރެވެ. އެފްއޭ ކަޕުން ވެސް ކަޓާފައިވާތީ މި މުބާރާތް އާސެނަލަށް އޮތީ ވަރަށް މުހިއްމު ވެފަ އެވެ.