މެންޗެސްޓާ (ޖެނުއަރީ 24) – ބާޓަން އަލްބިއޮން އަތުން 1-0 އިން މޮޅުވެ، 10-0 ގެ އެގްރިގޭޓަކުން ކުރި ހޯދައި މެންޗެސްޓާ ސިޓީން އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުން، އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ބާޓަން އަތުން ސިޓީ 9-0 އިން މޮޅުވުމާ އެކު އެ ޓީމު އޮތީ ގާތްގަނޑަކަށް ފައިނަލް ކަށަވަރުވެފަ އެވެ. ރޭ ބާޓަންގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި ވެސް އެ ޓީމުން ތަފާތު ބޮޑު ނަތީޖާއެއް ނެރޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު އާއްމުކޮށް ފުރަތަމަ އެގާރައިގައި ނުކުޅޭ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން ނުކުމެ ސިޓީ މޮޅުވީ ހަނި ގޮތަކަށެވެ. ހަމައެކަނި ގޯލް 26 ވަނަ މިނެޓުގައި ޖެހީ ސާޖިއޯ އަގުއެރޯ އެވެ.
"މެޗު ދިޔައީ ރަނގަޅަށް. ދަނޑުގެ ވިނަގަނޑު ވަރަށް ނުރައްކާތެރި ހާލަތެއްގައި އޮތީ، ވަރަށް ބޮޑަށް ކައްސާ. އެކަމަކު ރަނގަޅު މެޗެއް ކުޅުނިން. އަހަރެމެންނަށް މަދުވީ ފަހު ޕާހާއި ނިންމާލުންތައް. އެކަމަކު ރަނގަޅު،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ މެޗު ފެށީ ވެސް 9-0 ގެ ލީޑަކާ އެކު ކަމަށް ވުމުން، މެޗު ވަރަށް ބޮޑަށް ތަފާތުކަމަށާއި އެކަމަކު ކުޅުންތެރިންގެ ފަރާތުން މެޗު ކުޅޭ ހިތްނުވުމުގެ އެއްވެސް އަސަރެއް ނުފެންނަ ކަމަށް ބުންޏެވެ.
ފައިނަލުގެ ފަހު ޖާގަ ލިބޭނީ މިރޭ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅެ ކުރި ހޯދާ ބަޔަކަށެވެ. ފުރަތަމަ ލެގުން ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ކުޅެ 1-0 އިން މޮޅުވެފަ އެވެ.