މެންޗެސްޓާ (ސެޕްޓެމްބަރު 22) - ޖެހިޖެހިގެން ތިން މެޗުން ބަލިވެ ފާޑުކިޔުން އަމާޒުވެފައިވާ މެންޗެސްޓާ ޔުނައިޓެޑުން ރޭ އިނގިރޭސި ލީގު ކަޕުގެ ތިން ވަނަ ބުރުގައި ނޮތެމްޓަން ޓައުން އަތުން 3-1 އިން މޮޅުވެ، ހަތަރު ވަނަ ބުރުން ޖާގަ ކަށަވަރުކޮށް ހަމަޖެހުމެއް ހޯދައިފި އެވެ.
އެކަމަކު ހަތަރު ވަނަ ބުރުގައި އެ ޓީމު ލައްވާލީ، ވާދަވެރި މެންޗެސްޓާ ސިޓީއާ އެވެ. ސްވަންސީ ސިޓީ އަތުން ރޭ 2-1 އިން މޮޅުވެ ހަތަރު ވަނަ ބުރުން ޖާގަ ހޯދި ސިޓީ ވަނީ ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ރަށުން ބޭރުގައި ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ. ލީގު ކަޕުގެ މެޗު ވެސް އޮންނާނީ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގަ އެވެ.
ހަތަރު ވަނަ ބުރުގެ ގުރުނެގުން ރޭ އޮތްއިރު ޗެލްސީ ލައްވާލީ ވެސްޓް ހޭމް ހުނައިޓެޑާ އެވެ. މި މެޗު އޮންނާނީ ވެސްޓް ހޭމްގެ ސްޓޭޑިއަމުގަ އެވެ. އަމިއްލަ ދަނޑުގައި ރެޑިންއާ ދެކޮޅަށް އާސެނަލް ނުކުންނަން ޖެހުނުއިރު ލިވަޕޫލަށް ލައްވާލީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. މި މެޗު ކުޅޭނީ ލިވަޕޫލުގެ އެންފީލްޑުގަ އެވެ.
ތިން ވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ޔުނައިޓެޑް މޮޅުވިއިރު އެ ޓީމަށް 17 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މައިކަލް ކެރިކެވެ. އޭގެ ފަހުން ނޮތެމްޓަން އިން އެއްވަރުކުރި އެވެ. ޔުނައިޓެޑަށް އަލުން ލީޑު ނަގައިދިނީ 68 ވަނަ މިނެޓުގައި އަންދްރޭ ހެރޭރާ އެވެ. އަދި މޮޅުވީ 75 ވަނަ މިނެޓުގައި މާކަސް ރެޝްފޯޑް ޖެހި ލަނޑުންނެވެ.
ޔުނައިޓެޑަށް ދުނިޔޭގެ ރެކޯޑް އަގަކަށް ގެނައި ފްރާންސްގެ ޕައުލް ޕޮގްބާ މި މެޗުގައި ނުކުޅެ އެވެ. އެކަމަކު، ޒަލަޓާން އިބްރަހިމޮވިޗް ވަނީ ފަހު ހާފުގައި ކުޅެން އަރައިފަ އެވެ.
ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ގޯލް ޖެހީ ގައެލް ކްލިޝީ އާއި ގާސިއާ ސެރާނޯ އެވެ. ސްވަންސީގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖެހީ އައިސްލެންޑުގެ ގިލްފީ ސިގާސަން އެވެ.