ސިންގަޕޫރު (ސެޕްޓެމްބަރު 5) - ސިންގަޕޫރުން ޒިކާ ވައިރަސް ފެނުނު ފަހުން މިހާތަނަށް 215 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ސިންގަޕޫރުގެ ސައެންސްވެރިން ބުނީ އެ ގައުމަށް މި ބަލި އައިސްފައި ވަނީ އޭޝިއާ އިން ކަމަށެވެ. ސިންގަޕޫރުން ފެނުނު ވައިރަސް ތަހުލީލު ކުރުމަށް ފަހު އެ ގައުމުގެ ސައެންސްވެރިން ބުނީ އެއީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ވެސް ފެތުރޭ ވައިރަސް ކަމަށެވެ. އަދި ސައުތު އެމެރިކާގެ ގައުމުތަކުން ޒިކާ ވައިރަސް ޖެހުނު މީހުންގެ ވައިރަސްއާ ސިންގަޕޫރުން ފެނުނު ވައިރަސްއާ ގުޅުމެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް އެންވަޔަރްމަންޓް އެޖެންސީން ބުނީ ހޮނިހިރު ދުވަހު އެކަނި ވެސް އަލަށް 26 މީހަކަށް ޒިކާ ޖެހިފައިވާ ކަމަށެވެ.

އަވަށްޓެރި މެލޭޝިއާ އިން ވެސް މިހާރު ވަނީ ޒިކާ ފެނިފަ އެވެ. އިރުމަތީގެ ސަބާ ސްޓޭޓުން ޒިކާ ޖެހުނު މީހާ ވަނީ ސިންގަޕޫރުގައި ހުންނަ އޭނާގެ އަންހެން ދަރިފުޅުގެ ގާތަށް ޒިޔާރަތްކޮށްފައި ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިފައިވާ މީހުން ފެނުނު ސަރަހައްދަށް ފޮގް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިފައިވާ މީހުން ފެނުނު ސަރަހައްދަށް ފޮގް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޒިކާގެ އަލާމާތްތަކަކީ ޑެންގީގައި ވެސް ފެންނަ ފަދަ އަލާމާތްތަކެކެވެ. އެގޮތުން ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސަ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެހެންވެ މި ބަލި އުޅޭ ގައުމުތަކަށް، މާބަނޑު މީހުން ދަތުރު ނުކުރުމަށާއި މާބަނޑު މީހުން ބައްޔާ މެދު އިތުރަށް ސަމާލުވުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެ އެވެ.

ޒިކާ ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ބްރެޒިލުންނެވެ. ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިގެން ފުރަތަމަ ރިޕޯޓްކުރީ މެއި މަހު އެވެ. މި ވައިރަސް ސިންގަޕޫރުން ފުރަތަމަ ޖެހުނު 48 އަހަރުގެ މީހާ ވަނީ އަހަރުގެ ކުރީކޮޅު ބްރެޒިލްގެ ސައޮ ޕޯލޯ އަށް ދަތުރުކޮށްފަ އެވެ. އެމެރިކާގައި ވަނީ 2،500 މީހުންނަށް ޒިކާ ވައިރަސް ޖެހިފަ އެވެ.

ޑެންގީ ހުން ޖައްސާ އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޒިކާ ވައިރަސް މިހާތަނަށް ވަނީ 67 ގައުމަކުން ފެނިފަ އެވެ. މި ބަލި އެންމެ ބޮޑަށް ފެތުރެނީ ބްރެޒިލްގަ އެވެ.