ސިންގަޕޫރު (އޮގަސްޓް 29) - ސިންގަޕޫރުން 41 މީހަކަށް ޒިކާ ވައިރަސް ޖެހިގެން ރިޕޯޓްކޮށްފި އެވެ.

އުމުރުން 47 އަހަރުގެ މެލޭޝިއާގެ އަންހެނަކަށް ޒިކާ ވައިރަސް ޖެހިގެން ސިންގަޕޫރުން ރިޕޯޓްކުރިތާ އެއް ދުވަސް ފަހުން ވަނީ އިތުރު 40 މީހަކަށް މި ބަލިޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފަ އެވެ. ޒިކާ ވައިރަސް ގިނައިން ޖެހިފައި ވަނީ އިމާރާތް ކުރުމުގެ ދާއިރާގައި އުޅޭ ބިދޭސީ މަސައްކަތު މީހުން ކަމަށް ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް އެންވަޔަރްމަންޓް އެޖެންސީން ބުންޏެވެ.

"ޒިކާ ވައިރަސް ފެތުރެމުންދާ ސަރަހައްދުތަކަށް އެ މީހުން ދަތުރުކުރި ކަމުގެ މައުލޫމާތެއް ނެތް ލިބިފައެއް. އެހެންވެ ބޮޑަށް ބެލެވެނީ މި ބަލިޖެހިފައި ވަނީ ސިންގަޕޫރުން، މަދިރީގެ ޒަރީއާ އިން ކަމަށް،" އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ޒިކާ ވައިރަސް ފަތުރަނީ އޭޑީސް މަދިރީގެ ސަބަބުންނެވެ. މި މަދިރީގެ ޒަރީއާ އިން ޑެންގީ ހުން ވެސް ޖައްސަ އެވެ.

ޒިކާ ވައިރަސްއާ މެދު ހޭލުންތެރި ކުރުވަން ސިންގަޕޫރުގައި ބަހައްޓާފައިވާ ނޯޓިސްއެއްގެ ކައިރިން މީހަކު ދަނީ. --ފޮޓޯ:އޭއެފްޕީ
ޒިކާ ވައިރަސްއާ މެދު ހޭލުންތެރި ކުރުވަން ސިންގަޕޫރުގައި ބަހައްޓާފައިވާ ނޯޓިސްއެއްގެ ކައިރިން މީހަކު ދަނީ. --ފޮޓޯ:އޭއެފްޕީ

ހެލްތު މިނިސްޓްރީން ބުނީ ޒިކާ ވައިރަސްއާ ގުޅޭ އަލާމާތްތައް ހުންނަ މީހުންނާ މެދު އިތުރަށް ސަމާލުވުމަށް ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް އަންގައިފައިވާ ކަމަށެވެ. ހެލްތު މިނިސްޓަރު ގޭން ކިމް ޔޮންގް ވިދާޅުވެފައި ވަނީ ސިންގަޕޫރަކީ ގިނަ ބަޔަކު ދަތުރުކޮށް އަދި ޓްރާންސިޓްކުރާ ގައުމަކަށްވާތީ ބޭރުން މި ބަލި އައީ ކަމަށް ވެސް ބެލެވިދާނެ ކަމަށެވެ.

ނޭޝަނަލް އެންވަޔަރްމަންޓް އެޖެންސީން ބުނީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް 200 އޮފިސަރުން މިހާރު ފޮނުވާފައިވާ ކަމަށެވެ. ސިންގަޕޫރުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓުތަކުގެ ސާފު ތާހިރުކަން އެހާ ރަނގަޅު ނޫން ކަމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލުން ބުނެ އެވެ.

ޒިކާ ވައިރަސް ޖައްސާ އީޑީސް މަދިރިއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ސިންގަޕޫރުގައި ބަހައްޓާފައިވާ ބެނާއެއް. --ފޮޓޯ:އޭއެފްޕީ
ޒިކާ ވައިރަސް ޖައްސާ އީޑީސް މަދިރިއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ސިންގަޕޫރުގައި ބަހައްޓާފައިވާ ބެނާއެއް. --ފޮޓޯ:އޭއެފްޕީ

ޒިކާ ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ބްރެޒިލުންނެވެ. ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިގެން ފުރަތަމަ ރިޕޯޓްކުރީ މެއި މަހު އެވެ. މި ވައިރަސް ޖެހުނު 48 އަހަރުގެ މީހަކީ އަހަރުގެ ކުރީކޮޅު ބްރެޒިލްގެ ސައޮ ޕޯލޯ އަށް ދަތުރުކޮށްފައިވާ މީހެކެވެ. އެމެރިކާގައި ވަނީ 2،500 މީހުންނަށް ޒިކާ ވައިރަސް ޖެހިފަ އެވެ. ޒިކާ ވައިރަސްގެ ނުރައްކާ ބޮޑީ މާބަނޑު މީހުންނަށް ޖެހުމުންނެވެ. ސިންގަޕޫރުން ވެސް ވަނީ މާބަނޑު މީހުންގެ ސިއްހީ ހާލަތާ މެދު އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.