ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 1) - މެލޭޝިއާ އިން ވެސް ޒިކާ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
ޒިކާ ވައިރަސް ޖެހިފައިވާ 58 އަހަރުގެ އަންހެނަކު މެލޭޝިއާ އިން ފެނުނު އިރު ބަލިޖެހިފައިވާ 100 އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ސިންގަޕޫރުން ފެނިފަ އެވެ. މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ޒިކާ ވައިރަސް ޖެހުނު އަންހެން މީހާ ދާދި ފަހުން ވަނީ ސިންގަޕޫރުގައި ހުންނަ އޭނާގެ އަންހެން ދަރިފުޅުގެ ގާތަށް ޒިޔާރަތްކޮށްފައި ކަމަށެވެ. އަދި އޭނާ އެނބުރި ކުއާލަ ލަމްޕޫރަށް އައި ތަނުން ބަލިވެ ޒިކާ އަށް ޓެސްޓް ކުރުމުން އެ ބައްޔަށް ޝައްކު ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.
ސިންގަޕޫރުން ޒިކާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 115 އަށް އަރައިފަ އެވެ. މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ސިންގަޕޫރުން ޒިކާ ޖެހުނު މީހުންގެ ތެރޭގައި މެލޭޝިއާގެ ފަސް މީހަކު ވެސް ހިމެނޭ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ ސިންގަޕޫރުން އެތެރެވާ މީހުން އިތުރަށް ސްކްރީންކޮށް މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. ސިންގަޕޫރުގައި ވެސް ވަނީ މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ.
ޒިކާގެ އަލާމާތްތަކަކީ ޑެންގީގައި ވެސް ފެންނަ ފަދަ އަލާމާތްތަކެކެވެ. އެގޮތުން ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސަ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެހެންވެ މި ބަލި އުޅޭ ގައުމުތަކަށް، މާބަނޑު މީހުން ދަތުރު ނުކުރުމަށާއި މާބަނޑު މީހުން ބައްޔާ މެދު އިތުރަށް ސަމާލުވުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެ އެވެ.
ޒިކާ ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ބްރެޒިލުންނެވެ. ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިގެން ފުރަތަމަ ރިޕޯޓްކުރީ މެއި މަހު އެވެ. މި ވައިރަސް ސިންގަޕޫރުން ފުރަތަމަ ޖެހުނު 48 އަހަރުގެ މީހާ ވަނީ އަހަރުގެ ކުރީކޮޅު ބްރެޒިލްގެ ސައޮ ޕޯލޯ އަށް ދަތުރުކޮށްފަ އެވެ. އެމެރިކާގައި ވަނީ 2،500 މީހުންނަށް ޒިކާ ވައިރަސް ޖެހިފަ އެވެ.
ޑެންގީ ހުން ޖައްސާ އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޒިކާ ވައިރަސް މިހާތަނަށް ވަނީ 67 ގައުމަކުން ފެނިފަ އެވެ. މި ބަލި އެންމެ ބޮޑަށް ފެތުރެނީ ބްރެޒިލްގަ އެވެ.