ނިއު ދިއްލީ (ޖުލައި 26) - އިންޑިއާގެ އެތެރޭގެ އުދުހުމެއްގައި އުޅުނު އެއާ އޭޝިއާގެ މަތިންދާ ބޯޓެއްގެ ފާޚާނާ ތެރެއަށް ވިހާފައި އެއްލާލައިފައި އޮތް ތުއްތު ކުއްޖާގެ މަންމަ ހޯދައިފި އެވެ.
ބޯޓުގެ ކެބިން ކްރޫންނަށް މަރުވެފައި އޮތް ކުޑަ ކުއްޖާ ފެނުނީ ނިއު ދިއްލީ އެއާޕޯޓަށް ޖައްސަން ކައިރިވެފައި ވަނިކޮށެވެ.
"ދިއްލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މެޑިކަލް ޓީމުގެ ޑޮކްޓަރަކު ވަނީ އެއީ ބޯޓުގައި ވިހާފައި އެއްލާލި ކުއްޖެއްކަން ޔަގީންކޮށްދީފައި،" އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެއާ އޭޝިއާ އިން ބުނީ އެ ކުއްޖާގެ މަންމަ ހޯދީ ބޯޓުގެ އަންހެން ހުރިހާ ޕަސިންޖަރުންނާ ސުވާލުކޮށްގެން ކަމަށެވެ.
"19 އަހަރުގެ އަންހެނަކު ވަނީ ކުއްޖާ ވިހާފައި ފާޚާނާ އަށް ދޫކޮށްލި ކަމަށް އެއްބަސްވެފައި. އެ އަންހެން މީހާ މިހާރު ވަނީ މެޑިކަލް އެގްޒަމިޝޭންތަކަށް ހޮސްޕިޓަލަށް ފޮނުވާފައި،" ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ސަންޖޭ ބާޓިއާ އޭއެފްޕީ އަށް ވިދާޅުވި އެވެ. "އެ އަންހެން މީހާ ފުލުހުންނަށް ދިން ހަމައެކަނި މައުލޫމާތަކީ އޭނާ އަކީ ކުޅިވަރު ކުޅޭ މީހެއްކަން. އެއްވެސް އިތުރު މައުލޫމާތެއް ދޭން ވަނީ ދެކޮޅު ހަދާފައި. އަދި މެޑިކަލް ޓެސްޓްތައް ހަދަން ވެސް ދަނީ ދެކޮޅު ހަދަމުން."
ފުލުހުންގެ ތަހުގީގު ޓީމުން މިހާރު ދަނީ އެ އަންހެން މީހާގެ އާއިލާއާ ގުޅައިގެން އިތުރު މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.