ދަރިފުޅަށް އޮތީ "ސުންޕާ" ކަމެއް ޖެހިފައި ކަމަށް ބުނެ މަންމައަކު އޭނާގެ ދަރިފުޅަށް ގާތުން ދިނުމަށް ދެކޮޅު ހަދައިފި އެވެ.

އިންޑިއާގެ ޗަކިޔާ ޑިސްޓްރިކްޓްގައި އޮންނަ ބަންްޝްގާޓް އަވަށުގައި ދިރިއުޅޭ ޕްރިޔަންކާ ކުމާރީ، 25، މިދިޔަ އަންގާރަ ދުވަހު ވިހޭ މި ކުއްޖާއަކީ ބައްޔެއްގެ ސަބަބުން އައިބުވެފައިވާ ކުއްޖެކެވެ.

މި ތުއްތު ކުއްޖާއަށް ޖެހިފައި ވަނީ ހާލިކުއިން އިކްތިއޯސިސް ކިޔާ ޖެނެޓިކް ބައްޔެކެވެ. މިއީ ވަރަށް މަދުން ނޫނީ އިންސާނުންނަށް ނުޖެހޭ ބައްޔެކެވެ. ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު އެކަށީގެންވާ ކާނާ ނުލިބޭ ނަމަ، ބަނޑުގައި އޮންނަ ދަރިފުޅަށް މި ބަލި ޖެހިދާނެ އެވެ. މި ބަލި ޖެހުުން ހަންގަނޑު ބޯވެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް އައިބުވެ އެވެ.

މި ތުއްތު ކުއްޖާއަށް ފަރުވާ ދެއްވާ ޑރ. ރަޖަން ސިންހާ ވިދާޅުވީ މައިމީހާގެ ހާލު ރަނގަޅު ނަމަވެސް ކުއްޖާގެ ހާލު ވަރަށް ދެރަ ކަމަށެވެ. އަދި މިފަދަ ހާލަތުގައި ކުއްޖާ ސަލާމަތްވުމުގެ ފުރުސަތު އޮތީ 10 މިލިއަނުން އެއް ކުއްޖެއް ކަމަށެވެ. އަދި ނަމެއްވެސް ނުކިޔާ މި ކުއްޖާ އުފަންވިއިރު ބަލީގެ ސަބަބުން ބޮލުގައި ބޮޑު އެއްޗެއް އުފެދިފައިވެ އެވެ. އަދި ދެ ލޯ ވެސް އިންނަނީ ބޭރަށް ނުކުމެފަ އެވެ.

މި ކުއްޖާ އުފަންވުމުން ޗަކިޔާ ޑިސްޓްރިކްޓްގެ މީހުންގެ މެދުގައި ބިރުވެރިކަމެއް އުފެދުނެވެ. އަދި ގިނަ ބަޔަކު ދަނީ އެ ކުއްޖާ ބަލަން ޒިޔާރަތްކުރަމުންނެވެ.

ޕްރިޔަންކާ އާއި ފިރިމީހާ ބަލިންދުރަ މައްތޯ، 34، ގަބޫލުކުރާ ގޮތުގައި މިއީ "ސުންޕާއެއް" ޖެހިފައިވާ ކުއްޖެކެވެ. އެމީހުން ބުނަނީ ދަރިފުޅު ފެނުމުން ވެސް ޝޮކެއް ޖެހުނު ކަމަށެވެ.

ކުއްޖާގެ މަންމަ ބުނީ ފުރަތަމަ ފަހަރަށް ދަރިފުޅު ފެނުމުން މިއީ ހަމަ އޭނާ ވިހޭ ކުއްޖެއްތޯ ވެސް ސުވާލު އުފެދުނު ކަމަށެވެ. އަދި އޭނާއަށް މިފަދަ ކުއްޖެއް ވިހުނީ ކީއްވެތޯ ހިތަށް އެރި ކަމަށެވެ. ދަރިފުޅު ދުނިޔޭގައި އޮތުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ޑޮކްޓަރުން ބުނަމުން ދިޔަ ނަމަވެސް އޭނާ ދުނިޔޭގައި އޮތް ދުވަސްކޮޅު ވެސް އޭނާއަށް ގާތުން ދީ މަންމައެއްގެ ލޯބި ދޭކަށް މި އަންހެންމީހާ ބޭނުމެއް ނޫނެވެ.

ކުއްޖާގެ މަންމަ ބުނީ ހަޔާތުގައި ވެސް މިވަރުގެ ބޮޑު މުސީބާތެއް ދިމާވެދާނެކަމަށް ހީނުކުރާ ކަމަށެވެ.