އިންޑިއާގައި އުމުރުން ދެ އަހަރު ވެސް ނުވާ ކުޑަ ފިރިހެންކުއްޖަކު އޭނާގެ މަރުވެފައިވާ މަންމަގެ ގާތުން ކިރު ބޯން އޮތް މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ގިނަ ބަޔަކަށް ވަރަށް އަސަރު ކޮށްފި އެވެ.
އުމުރުން 17 މަހުގެ ތުއްތު ކުއްޖާ ފެނުނުއިރު އޭނާ މަންމައަށް ގޮވަމުން ބާރަށް ރޮނީ އެވެ. ނަމަވެސް މަންމަގެ ޚަބަރެއް ނުވުމުން އެންމެ ފަހުން އަމިއްލައަށް މަންމަގެ ގާތުން ބޯން ފެށީ އެވެ.
ފުލުހުންނަށް އެތަނަށް ދެވުނު އިރު އެތައް ބަޔަކު އެތަނަށް އެއްވެ ބަލަން ތިއްބެވެ. ބެލެވޭ ގޮތުގައި މި ކުއްޖާގެ މަންމަ މަރުވެފައި ވަނީ ރޭލު ދަގަނޑު މަތިން ހުރަސްކުރަނިކޮށް ރޭލުން ޖެހިގެންނެވެ.
މި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހު، އިންޑިއަގެ މެދުތެރޭގެ މަދްޔަޕްރަދޭޝްގެ ޑާމޯ ޑިސްޓްރިކްޓްގަ އެވެ.
މި މަންޒަރު އެންމެ ގާތުން ދުށް އެކަކު ކަމުގައިވާ މޯނޫ ބަލްމިކީ، 27، ބުނީ ރޭލްވޭ ދަގަނޑު މަތީގައި އަންހެނަކު އޮތްތަން ފެނިގެން ފުލުހުންނަށް ގުޅީ ކަމަށެވެ. އަދި ތުއްތު ކުއްޖާ މަންމަ ގާތުން ބޯން އޮތްތަން ފެނުނީ އެ މީހާ އޮތް ތަނާ ވަރަށް ކައިރިއަށް ދިއުމުން ކަމަށް މޯނޫ ބުންޏެވެ.
ގަވަންމަންޓް ރެއިލްވޭ ޕޮލިސް އޮފިސަރު ނަންޑް ރާމް ވިދާޅުވީ އަންހެނަކު ރޭލްވޭ ދަގަނޑު މަތީގައި އޮތް ޚަބަރު ލިބިގެން ފުލުހުން ދިޔައިރު ވެސް ކުޑަ ކުއްޖާ އޮތީ މަންމަގެ ގައިގައި ބޯއަޅާލައިގެން ގާތުން ބޯން ކަމަށެވެ. އަދި އިރުއިރުކޮޅާ މަންމައަށް ގޮވާފައި އެ ކުއްޖާ ރޮމުން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ގެންގޮސްފައިވާ ކަމަށާއި އަންހެންމީހާގެ ނޭފަތާއި ކަންފަތުން ލޭ އައިސްފައިވާތީ އެއީ އެކްސިޑެންޓެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"އާއިލާ އަށް މިކަން އެންގުމަށްޓަކައި އަންހެންމީހާގެ ގެ ހުރި ތަނަކާއި އާއިލާގެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ،" ފުލުސް އޮފިސަރު ވިދާޅުވި އެވެ.
ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޗެކް-އަޕް ހަދާފައިވާ ކަމަށާއި އަރިދަފުސް ރޯގާ ކޮންމެވެސް ވަރަކަށް ޖެހިފައި ވިޔަސް އެކްސިޑެންޓްގައި ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ. އަދި ކުއްޖާއާ ހަވާލުވާނެ އާއިލާގެ މީހަކު ވަންދެން އޭނާ ޔަތީމުޚާނާގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.