އުމާން ކަނޑުގައި އެމެރިކާގެ ކަނޑުގެ ސިފައިން ގާއިމުކޮށްފައިވާ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ހުއްޓުވުމަށް އަޅާފައިވާ ހުރަސްތަކަށް ބެލުމެއް ނެތި ދަތުރުކުރި އީރާނުގެ މުދާ އުފުލާ ބޯޓަކަށް، އެމެރިކާގެ މަނަވަރަކުން އާދީއްތަ ދުވަހު ހަމަލާދިނުމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި އެވެ.

"އެމެރިކާގެ އަސްކަރިއްޔާއިން ހިންގި، ހަތިޔާރު އެޅި، ކަނޑުފޭރުމުގެ އަމަލަށް ވަރަށް އަވަހަށް ރައްދުދީ ބަދަލުހިފާނެ ކަމުގެ އިންޒާރު ދެން،" އީރާނުގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑް ސެންޓަރު ޚާތަމް އަލް-އަންބިޔާގެ ތަރުޖަމާނަކާ ހަވާލާދީ އިސްނާ ނިއުސް އެޖެންސީން ބުންޏެވެ.

މިއީ މި މަހުގެ 8 ގައި ވެފައިވާ، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުން އެއްބަސްވުމާ އެމެރިކާއިން ހިލާފުވުން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ބޯޓެއް ކަމަށްވާ "ތޫސްކާ" މަޑުކުރުމަށް ދިން އިންޒާރުތަކަށް އިޖާބަ ނުދިނުމުން، އެމެރިކާގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔާ "ޔޫ.އެސް.އެސް ސްޕްރުއަންސް" އިން އެ ބޯޓުގެ އިންޖީނު ރޫމަށް ހަމަލާދީ ބޯޓު ހުއްޓުވާފައިވާ ކަމަށެވެ.

"މިހާރު އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ ބޯޓު ބަލައި ފާސްކުރަމުން،" ޓްރަމްޕް ވިދާޅުވި އެވެ.

މި ހާދިސާ ހިނގާފައިވަނީ ތެލާއި ގޭސް އުފުލުމުގައި މުހިންމު ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ހަތް ހަފުތާ ކުރިން އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން މި ކަނޑުއޮޅި އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް ހަމަލާ ދިން މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހު އީރާނުން ހުކުރު ދުވަހު ވަނީ އެ ކަނޑުއޮޅި ވަގުތުކޮޅަކަށް ހުޅުވާލައިފަ އެވެ. އެއީ އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް މެދުކަނޑާލުމުންނެވެ. ނަމަވެސް އެމެރިކާއިން އީރާންގެ ބަނދަރުތައް ބަންދުކޮށް އުޅަނދުތަކަށް ހުރަސްއެޅުން ހުއްޓާލުމުން އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކުރީ އެވެ. 

ރައީސް ޓްރަމްޕް ވަނީ އަންނަ ބުދަ ދުވަހަށް މުއްދަތު ހަމަވާ، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ އީރާނުން ހިލާފުވެފައިވާ ކަމަށް ބުނެ، ހޮނިހިރު ދުވަހު އީރާނުން ކަނޑުމަތީ ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ. -- އޭއެފްޕީ