ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުމާ އެކު ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ނިންމުން ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ. 

އީރާނުން މިހެން ބުނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލިޔަސް އަދި ނިމުމަކަށް ނާންނާނެ ކަމަށް އެމެރިކާއިން ބުނާތީ އެވެ.

ކަނޑުއޮޅި ހުޅުވާލުމާ ގުޅިގެން ހުކުރު ދުވަހު ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ވަނީ ދިރުން ލިބިފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސުލްހައިގެ އެއްބަސްވުމަކާ "ވަރަށް ގާތްވެފައިވާ" ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް އެމެރިކާއާ ހަވާލުކުރަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެރިޒޯނާގެ ފީނިކްސްގައި ބޭއްވި އިވެންޓެއްގައި ޓްރަމްޕް ވިދާޅުވީ، "އަހަރެމެން އީރާނަށް ގޮސް އެ އެއްޗެހި [ޔުރޭނިއަމް] ނަގާނަން" ކަމަށެވެ. ނަމަވެސް އީރާނުން ވަނީ މި ވާހަކަ ދޮގުކޮށް، އެ ގައުމުގެ ޔުރޭނިއަމް ރިޒާވް އެއްވެސް ތަނަކަށް ނުގެންދާނެ ކަމަށް ބުނެފަ އެވެ.

އުންމީދީ ޚަބަރުތަކާ އެކު ވެސް އޮތް ނުތަނަސްކަމުގެ ތެރޭގައި، އީރާނުގެ ގާނޫނު ހަދާ ރައީސް މުހައްމަދު ބާގިރު ގަލިބާފް 'އެކްސް' ގައި ވިދާޅުވީ، އެމެރިކާގެ ބްލޮކޭޑް ކުރިއަށްދާ ނަމަ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ނުބޭއްވޭނެ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އީރާނުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، އީރާނުން ބަނދަރުތަކަށް ވަދެ ނުކުމެ އުޅުމަށް ހުރަސްއެޅުމަކީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެކެވެ.

"ކަނޑުއޮޅި ހުޅުވުމާއި ބަންދުކުރުން ނިންމާނީ އިންޓަނެޓަކުން ނޫން، އެކަން ނިންމާނީ އަމަލީ މައިދާނުގައި. އަމަލުކުރަންވީ ގޮތް އަހަރެމެންގެ ސިފައިންނަށް ވަރަށް ރަނގަޅަށް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް އުފުލާ މި ކަނޑުއޮޅި ހުޅުވާލުމުގެ އުންމީދާ އެކު، ތެލުގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން، ރަޝިޔާގެ ތެޔޮ ވިއްކުމަށް އެމެރިކާއިން ދިން ލުޔަކާ އެކު، ބާޒާރުގައި ތެލުގެ އަގު އިތުރަށް ދަށަށްދާނެ ކަމަށް ބެލެވެ އެވެ.

ލުބުނާނުގައި ހަނގުރާމަ މެދުކަނޑާލުމަކީ އީރާނާ އެކު ފުރިހަމަ އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.