އިޒްރޭލާއި ލުބުނާނާ ދެމެދު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު، ހޮރްމޫޒް ކަނޑުއޮޅި އާންމު ވިޔަފާރި އުޅަނދުފަހަރަށް މުޅިން ހުޅުވާލާފައިވާކަން އިރާނުން މިއަދު އިއުލާންކޮށްފި އެވެ.
އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގެ ސުލްހައިގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ސުލްހައިގެ މުއްދަތު ނިމެންދެން ހުރިހާ ވިޔަފާރި އުޅަނދަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް ހުރިހާ އުޅަނދަކުން ވެސް އިރާނު ގެ މެރިޓައިމް އޮތޯރިޓީން ކަނޑައަޅާފައިވާ ރޫޓަކުން ދަތުރުކުރަން ޖެހޭނެ ކަމަށް އަރާގްޗީ ފާހަގަކުރެއްވި އެވެ.
އިރާނުގެ މި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިރާނުން ކަނޑޯޅި ހުޅުވައިލުމުން އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ނަމަވެސް އިރާނާ އެކު، ވަކި އެއްބަސްވުމަކަށް އާދެވެންދެން، އެ ގައުމުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނުވަތަ ހުރަސްތައް ދެމިއޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި އިއުލާނާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވައިލިކަން ހާމަކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތެލުގެ އަގު 11 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވެ އެވެ. އިޒްރޭލާއި ލުބުނާނުގެ ހަނގުރާމަ 10 ދުވަހަށް މެދުކަނޑައިލިކަން ވެސް ރޭ ވަނީ އިއުލާންކޮށް އަމަލު ކުރަން ފަށައިފަ އެވެ.