ބްލެކްބެރީން ސްމާޓްފޯނެއް ދެން ނުއުފައްދާނެ އެވެ. އެހެން ނަމަވެސް، ސީއީއޯ، ޖޯން ޗެން އަށް ވަނީ ވައުދެއް ފުއްދަން ޖެހިވަޑައިގެންފަ އެވެ. އެއީ ބްލެކްބެރީން އުފައްދާ އެންމެ ފަހު ފޯނަކީ "ފިޒިކަލް" ކީބޯޑް ފޯނަކަށް ވުމެވެ. ސަޕޯޓަރުންނާއި ވަފާތެރިން ތިބީ އެކަމަށް ކެތްވަދުވެފަ އެވެ.
ބްލެކްބެރީ ކީބޯޑް ފޯނެއް ބޭނުންކުރަން އެދޭ ކިތަންމެ ބަޔަކު އަދި ވެސް އެބަ ތިއްބެވެ. އެ މީހުން ރުއްސުމަށްޓަކައި ސްމާޓްފޯނެއް އުފެއްދުމަށް ބްލެކްބެރީ މަސައްކަތް އެބަ ކުރެ އެވެ. ފޯނަށް ދީފައިވާ ކޯޑް ނަމަކީ "މާކިއުރީ" އެވެ.
މާކިއުރީ ސިފަކުރެވޭ ގޮތް އަދި އެކަކު ވެސް ކިޔައެއް ނުދެ އެވެ. އެ ކަމާ ބެހޭ ގޮތުން ޖޯން ޗެން ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ފޯނާ ބެހޭ ގޮތުން އެނގެން ބޭނުންވަނީ ފިޒިކަލް ކީބޯޑް އިންނާނެ ގޮތެވެ. އެއީ ތިރި އަށް ކަހާލެވޭ ކީބޯޑެއްތޯ ނުވަތަ އެއްވެސް ދިމާ އަކަށް ދަމާލެވޭ ކީބޯޑެއްތޯ އެވެ.
ބްލެކްބެރީ މާކިއުރީއާ ބެހޭ ގޮތުން ބުނެވެނީ، މާކެޓަށް ނެރޭއިރު ވެސް އެއީ އެންޑްރޮއިޑް 7.0 "ނޫގެޓް" ފޯނަކަށް ވާނެ ކަމަށެވެ. ސްކްރީންގައި 3.5 އިންޗި، 3ޖީބީ ރޭމް، 32ޖީބީ ސްޓޯރޭޖް އަދި 18 މެގަޕިކްސެލް ކެމެރާއެއް ހުންނާނެ ކަމަށެވެ.
މާކިއުރީ އުފެއްދުމުގައި އަމަލީ މަސައްކަތްތައް ބްލެކްބެރީން ނުކުރާނެ ކަމަށް ބުނެވެ އެވެ. ބުނެވޭ ގޮތުގައި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އަލްކަޓެލްގެ ބެލެނިވެރިޔާ، ޗައިނާގެ ޓީއެލްސީ ކޯޕަރޭޝަނާ އެވެ.
ޓީއެލްސީ އަކީ އިލެކްޓޯނިކް އާލާތްތައް އުފެއްދުމުގައި ދުނިޔެ އަށް މަޝްހޫރު ކުންފުންޏެކެވެ.
ބްލެކްބެރީން މިހާރު ބޭނުން ވަނީ އަމިއްލަ އަށް ހާޑްވެއާ އުފެއްދުމުގެ ބަދަލުގައި، ވިޔަފާރި ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމަށެވެ. ކުންފުނި ހަރުދަނާކުރުމަށްޓަކައި ވިޔަފާރިން ފައިދާ ލިބެން ހުރި ފުރުސަތުތަކަށް އަމާޒުކުރަން ބްލެކްބެރީން ވަނީ ނިންމާފަ އެވެ. އެ ގޮތުގައި އެންމެ ބޮޑަށް އިސްކަން ދޭނެ ކަމަށް ބުނެފައި ވަނީ ސޮފްޓްވެއާ އުފެއްދުމާއި، ސޮފްޓްވެއާ އަދި ހާޑްވެއާ ލައިސަންސް ވިއްކުމެވެ.