ބްލެކްބެރީ އަލުން ދިރުވުމަށްޓަކައި ޗައިނާގެ ޓީސީއެލް މަސައްކަތް ފަށައިފި އެވެ. އަލްކަޓެލް މަރުކާގެ ފޯނުތައް އުފައްދައި މާކެޓްކުރަނީ ވެސް އެ ކުންފުނިންނެވެ. ބްލްކެބެރީ ކޮޅަށްޖެހިދާނެ ޕްލޭނެއް އެބަ އޮތް ކަމަށް އެ މީހުން ބުނެ އެވެ.

ބްލެކްބެރީ އަކީ މަޝްހޫރު ނަމެކެވެ. ބްލެކްބެރީ ފޯނުތަކަށް އެދޭ އާބާދީ އިނގިލިތަކުން ގުނާލެވޭ ވަރަށް ވުރެ އިތުރެވެ. އެޕަލް އަދި ސެމްސަންގެ ނުފޫޒުގައި ޖެހި، ސްމާޓްފޯން މާކެޓުން ބްލެކްބެރީ ސޮއްސާލައިގެން ދިޔަ ނަމަވެސް، އެއީ ހިތްވަރު ހުރި ބަޔަކަށް ކޮޅަށް ނުޖެހޭނެ މަރުކާއެއް ނޫން ކަމަށް ޓީސީއެލް ގަބޫލުކުރެ އެވެ.

ޓީސީއެލް ވިސްނާފައި ވަނީ، ބްލެކްބެރީ ކޮޅަށް ޖެހުމަށްޓަކައި، އެންޑްރޮއިޑަށް ބަދަލުވުމަށެވެ. ޒަމާނާ ގުޅޭ ގޮތަށް ފޯނުތައް ޑިޒައިންކުރުމާއި، މާކެޓްކުރުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުލާނީ ޓީސީއެލް އިންނެވެ. ފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ އަދި ސެކިޔުރިޓީ، ކެނެޑާގެ ބްލެކްބެރީ ކުންފުނިން ބަލަހައްޓާ ގޮތަށެވެ.

ބްލެކްބެރީ ފޯނުތައް އަލުން ހިނގުމަށްޓަކައި ޓީސީއެލް ބޭނުންވަނީ އެ ނަމެވެ. ވާހަކަތަކުން އެކަން އެނގެ އެވެ. ފޯނުތައް މާކެޓްކުރުމުގައި ޓީސީއެލް ގެންގުޅޭނެ ކަމަށް ބުނަނީ އެ ކުންފުނިން އުފައްދާ އެހެން ޑިވައިސްތައް މާކެޓްކުރަން ގެންގުޅޭ އުކުޅުތަކެވެ. އެ ކަމުގައި ކެނެޑާގެ ބްލެކްބެރީ ކުންފުނިން ގޮތްފޮތް ނުކިޔާނެ އެވެ.

ޓީސީއެލް ބުނާ ގޮތުގައި ބްލެކްބެރީ ފޯނުތަކުގައި ރަހަލެއްވުމަށް ގޫގުލް އެންޑްރޮއިޑް ބޭނުންކުރެވޭނީ ސެމްސަންގް ފޯނުގައި އެންޑްރޮއިޑް ބޭނުންކުރެވޭ ފަދައިންނެވެ. މާނަ އަކީ ބްލެކްބެރީގެ ނަމަށް ލޯބިޖެހިފައި ތިބިހާ ބަޔަކަށް އެ ފުރުސަތު ދިނުމެވެ. އަދި އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުންނަށް ވެސް ސެކިޔުރިޓީ ވަރުގަދަ ފޯނެއް ހޯދައިދިނުމެވެ.

ބްލެކްބެރީ ފޯނުތަކުގެ ސެކިޔުރިޓީ، ކެނެޑާގެ ބްލެކްބެރީ ކުންފުނިން ބެލެހެހެއްޓުމުން، ކުރާނެ ޝަކުވާއެއް ނޯންނާނެ ކަމަށް ޓީސީއެލް ގަބޫލުކުރެ އެވެ. ބްލެކްބެރީ މަރުކާ ގޮވައިގެން މާކެޓަށް ނިކުންނާނީ ވަކިވަކި ފަރުދުން އަދި ވިޔަފާރި ބޭނުންތަކަށް ވެސް އަމާޒުކޮށްގެން ކަމަށް ޓީސީއެލް ބުނެ އެވެ.