ބްލެކްބެރީ މާކިއުރީ ވަރަށް އަވަހަށް އާންމުވެދާނެ އެވެ. އިންތިޒާރުކުރަން ގިނަ ދުވަހެއް ވެސް ނެތެވެ. ބުނެވޭ ގޮތުގައި އެ ދުވަހަކީ އަންނަ މަހުގެ 25 އެވެ.

ބްލެކްބެރީ މާކިއުރީގައި ކީބޯޑެއް އިނދެ އެވެ. ބަލާބެލުމަށް ހީވަނީ ބްލެކްބެރީން ކުރިން ނެރުނު ފޯނުތަކުގެ ތެރެއިން ފޯނެއްހެންނެވެ. ބްލެކްބެރީ ފޯނުތަކަށް ލޯބިޖެހިފައި ތިބި މީހުންނަށް އެ އިހުސާސް އަދި ބޮޑަށް ކުރެވޭނެ އެވެ.

މާކިއުރީ އަކީ އެ ފޯނަށް ކިޔާ އަސްލު ނަން ނޫން ކަމަށް ވެ އެވެ. ފޯނު އާންމުކޮށް ދައްކާލުމަށްޓައި އިންތިޒާމުކުރާ ހަފުލާގައި އެ ފޯނަށް ރަސްމީ ނަމެއް ކިޔާނެ ކަމަށް ބުނެވެ އެވެ.

ބްލެކްބެރީ ކުންފުނިން ފޯނު އުފެއްދުން ހުއްޓާލި ނަމަވެސް، އެ މަރުކާގެ ފޯނުތައް އަދި ވެސް ނެރޭނެ އެވެ. ޗައިނާގެ ޓީސީއެލް ކުންފުނިން ވަނީ އެ ޒިންމާ ނަގާފަ އެވެ. ބްލެކްބެރީ ފޯނުތަކަށް ހިތްޖެހި، ހަނދާން ނައްތާލަން އުނދަގޫވެފައި ތިބިހާ ބަޔަކަށް އެ ފުރުސަތު ފަހިކޮށެދެނީ އެވެ. ޓީސީއެލް އިން ބުނި ގޮތުގައި އެ ކުންފުނިން އުފައްދާނީ ބްލެކްބެރީ އެންޑްރޮއިޑް ފޯނުތަކެވެ. އެއީ ބްލެކްބެރީ ފޯނުތަކަށް ސަޕޯޓްކުރާ މީހުންނަށް ވެސް ދެރަ ގޮތަކަށް ނުވާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.

ބްލެކްބެރީ ޕޯޝޭ ޑިޒައިންތަކުގައި ކީބޯޑް ހުއްޓެވެ. ޓީސީއެލް އިން ގަސްދުކުރަނީ ހަމަ އެ ފަދަ ޑިޒައިންތައް ބްލެކްބެރީ ފޯނުތަކަށް އަލުން ގެނެސް، ކީބޯޑްތައް އާންމުކުރުމަށެވެ. އެއީ ކުރިން އޮތް ފަދަ ބްލެކްބެރީ "ކޮމިއުނިޓީ"އެއް އުފެއްދުމަށެވެ.