ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަރަންޓު ސާމާނާއި އިމާރާތްތަކުގެ އިންޓީރިއާ އަށް ބޭނުންވާ ސާމާނު ވިއްކާ ސަންފްރަންޓުން ފައިސާގެ ބޮޑު އިނާމެއް ލިބޭ ޕްރޮމޯޝަނަކާ އެކު އާ ފިހާރައެއް މިރޭ މާލޭގައި ހުޅުވައިފި އެވެ.
ފަރިދީމަގު ގަޑިބުރު ކައިރީގައި މ. ނަލަހިޔާމަންޒިލްގައި "ސަންފްރަންޓް ލައިޓިން" ހުޅުވީ ސަންފްރަންޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝާދު އާދަމްގެ އަނބިކަނބަލުން ހަސީނާ އަހުމަދު އާއި ކާފަ ދަރިކަލުން މުހައްމަދު ޒެވިއާ އެވެ. އޭގެ އިތުރުން އެ ފިހާރާގައި އަލަށް ހެދި، ކޭޑީކޭ ބްރޭންޑްގެ ފަންކާ ވިއްކާ ކޯނަރު ހުޅުވައިދިނީ ސިންގަޕޫރުގައި ހުންނަ ކޭޑީކޭގެ ދެކުނު އޭޝިއާގެރީޖަނަލް މެނޭޖަރު ޕީޓާ ލީ އާއި މޯލްޑިވިއަން އައިޑަލް ކާމިޔާބުކުރި ލައިޝާ ޖުނައިދެވެ.
ފިހާރަ ހުޅުވުމަށްފަހު ބޭއްވި ކުޑަ ހަފުލާއެއްގައި ވާހަކަދައްކަވަމުން ޕީޓާ ވިދާޅުވީ ސަންފްރަންޓުން ރާއްޖޭގައި ކޭޑީކޭ ބްރޭންޑްގެ ސާމާނު ކާމިޔާބުކަމާ އެކު ވިއްކާތާ 10 އަހަރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުންފުންޏާ މެދު އޮތް އިތުބާރާ ޔަގީންކަން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަންފްރަންޓް ލައިޓިން ހުޅުވުމާ ދިމާކޮށް ވަނީ ޖުމްލަ 60،000ރ.ގެ އިނާމް ލިބޭ ހާއްސަ ލަކީޑްރޯއެއް ފަށައިފަ އެވެ. އެ ލަކީ ޑްރޯގައި ބައިވެރިވުމަށް އެ ފިހާރައަށް ގޮސް އެތަނުގައި ވިއްކާ ކޮންމެ ވެސް އެއްޗެއްގެ ފޮޓޯއެއް ނެގުމަށްފަހު ފޭސްބުކްގައި Snap_SunFrontLightin ހެޝްޓެގާ އެކު ފަސް މީހުން ޓެގްކޮށްގެން ޕޯސްޓްކުރަން ޖެހެ އެވެ. އަދި އެ ޕޯސްޓްތަކުގެ ތެރެއިން އެންމެ ގިނަ ލައިކް ލިބޭ މީހުންގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 25،000ރ. ، ދެވަނަ ފަރާތަކަށް 15،000ރ. އަދި ދެވަނަ ފަރާތަކަށް 10،000ރ. ލިބެ އެވެ. އޭގެ އިތުރުން 10 ފަރާތަކަށް 1،000ރ. ވެސް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސަންފްރަންޓުން ބުނީ އެ ޕްރޮމޯޝަން ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ،
މިއުޒިކާއެކު ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައި ޕްރޮމޯޝަން ފަށައިދިނީ މޯލްޑިވިއަން އައިޑަލް ލައިޝާ އެވެ.
ސަންފްރަންޓުން އަލަށް ހުޅުވި، ތިން ބަޔަކަށް ހުންނަ ޖާގަ ބޮޑު ފިހާރައިން ތަފާތު އެކި ވައްތަރުގެ ލައިޓާއި ފަންކާ އާއި ދޮރުފަތާއި އެކި ވައްތަރުގެ ތަޅު ފަދަ ތަކެތި ލިބެންހުރެ އެވެ. އޭގެ އިތުރުން އެތަނުން ސީސީޓީވީ ކެމެރާ ވެސް ލިބެންހުރެ އެވެ.