ސަން ފްރަންޓް ލިވިން އިން ސްކޫލް ބަންދާ ދިމާކޮށް "ގުޑުގުޑު" ގެ ނަމުގައި ސޭލެއް ފަށައިފި އެވެ.
ސަން ފްރަންޓުގެ މެނޭޖަރު އިކްރާމް މުހައްމަދު ސިފަކުރެއްވި ގޮތުގައި މިއީ ސޭލްގެ ހެޔޮ އަގުތައް ފެނި "ގުޑުގުޑު" އަޅާނެ ސޭލެކެވެ.
މި ސޭލް ސަން ފްރަންޓުގެ އެހެން އައުޓްލެޓްތަކަށް އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ ބަންދާ ދިމާކޮށް މި ސޭލް ފެށީ، މި ދުވަސްވަރަކީ ގިނަ މީހުން އެއް އެޕާޓްމެންޓުން އަނެއް އެޕާޓްމެންޓަށް ބަދަލުވުމުގެ އިތުރުން އަތޮޅުތެރެއިން ގިނަ ބަޔަކު މާލެ އަންނަ ދުވަސްވަރަކަށް ވާތީ އެވެ. ސޭލްގެ މަގްސަދަކީ ގިނަ މީހުންނަށް އަގު ހެޔޮކޮށް މުދާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގެއަށް ބޭނުންވާ ފަރުނީޗަރުގެ އިތުރުން ބަދިގެ ސާމާނާއި ބެޑްރޫމް ސެޓާއި ކިޔަވާ މޭޒުގެ އިތުރުން އުނދުނާއި އަވަން ފަދަ ތަކެތިން ވެސް ޑިސްކައުންޓް ލިބޭނެ އެވެ. އިކްރާމް ވިދާޅުވީ މި ސޭލްގައި ވިއްކާ ބައެއް ތަކެތި 50 ޕަސެންޓަށް ވުރެ ހެޔޮ އަގެއްގައި ލިބޭނެ ކަމަށާއި އެތަނުން ހުސްކުރަން ބޭނުންވާ ބައެއް މުދާ 75-90 ޕަސެންޓާ ދެމުދުގެ ހެޔޮ އަގުުގައި ވިއްކާނެ ކަމަށެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު މި ސޭލް ފަށާފައި ވާ އިރު، ސޭލް ނިންމަން ވަކި ތާރީހެއް ކަނޑައަޅާފައެއް ނުވެ އެވެ. އަދި މި ސޭލްގައި ބައިވެރިވާ މީހުންނަށް ވަކި އިނާމްތަކެއް ހަމަޖައްސާފައި ނުވާ ކަމަށާއި ސޭލްގެ މަގްސަދަކީ ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިކްރާމް ވިދާޅުވީ މި ސޭލްގެ ދަށުން ގަންނަ ހުރިހާ އެއްޗެއް މާލެ އަދި ހުޅުމާލޭގައި ހުންނަ ގެތަކަށް ޑެލިވާކޮށް، ރާވަ ދޭނެ ކަމަށެވެ. އަދި ވިލިނގިލީގައި އުޅޭ މީހުން އެތަނުން ގަންނަ އެއްޗެހި ވިލިނގިލި ފެރީ ޓާމިނަލާ ހަމައަށް ގެންގޮސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެތަކެތި ރާވައިދޭން ސަން ފްރަންޓުގެ ޓީމެއް ވިލިނގިއްޔަށް ދާނެ އެވެ.
މީގެ އިތުރުން ރަށްރަށުގައި އުޅޭ މީހުން މާލެ ނައިސް، ރަށުގައި ހުރެގެން މި ސޭލުގައި ބައިވެރިވެ ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި އެތަނުން ވިއްކާ ބައެއް މުދާ ފެންނަން ހުންނާނެ އެވެ. އަދި އެހެން ތަކެތި، ސަން ފްރަންޓް ލިވިންގެ ޝޯރޫމްއަށް ގުޅުމުން ބަލައިލެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް އިކްރަމް ވިދާޅުވި އެވެ.
"ވައިބާ މެދުވެރިކޮށް އަޅުގަނޑުމެން ދައްކަ ދޭނަން މިތަނުގައި ވިއްކާ އެހެން މުދާތައް. އޮންލައިން ޓްރާންސްފާ މެދުވެރިކޮށް ތިޔަ ބޭފުޅުން ބޭނުންވާ ތަކެތި ގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރަށްރަށަށް ގެންދަން ބޭނުންވާ ތަކެތި އެ ރަށަކަށް މުދާ ގެންދާ ބޯޓަކާ ހަމައަށް ސަން ފްރަންޓުން ގެންގޮސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.