ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަންފްރޮންޓުގެ ހުރިހާ ފިހާރައެއް މާދަމާއިން ފެށިގެން ހަވީރު 4:30ގައި ބަންދުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަންފްރޮންޓުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހުރިހާ ފިހާރައެއް ވެސް މާދަމާއިން ފެށިގެން ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށާއި މެންދުރު 1:00 އިން ހަވީރު 4:30 އަށް ކަމަށެވެ. ސަންފްރޮންޓުން ވިޔަފާރި ގަޑިތަކަށް ބަދަލު ގެނެސްފައި މިވަނީ މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ސަރުކާރުން ކާފިއު އިއުލާންކޮށްފައި ވަނިކޮށެވެ.
ވިޔަފާރި ގަޑިތަކުގެ އިތުރުން ޑެލިވަރީގެ ހިދުމަތް ދޭ ގަޑިތަކަށް ވެސް ސަންފްރޮންޓުން ވަނީ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން، މާދަމާއިން ފެށިގެން އެ ކުންފުނީގެ ހުރިހާ ފިހާރައަކުން ޑެލިވަރީގެ ހިދުމަތް ދޭނީ ވެސް ހަވީރު 4:30 އާ ހަމައަށެވެ.
ސަރުކާރުން ނުވަތަ އެޗްޕީއޭއިން ކާފިއު ވަގުތުތަކަށް އިތުރު ބަދަލެއް ގެންނަންދެން ވިޔަފާރި ގަޑިތަކަށް ގެނައި ބަދަލު އެގޮތުގައި ދަމަހައްޓާނެ ކަމަށް ސަންފްރޮންޓުގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެތަނުން ބުނީ ރޭގަނޑު ފިހާރަތައް ނުހުޅުވި ނަމަވެސް ހޮޓްލައިންތައް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ހިދުމަތްތައް ލިބޭނެ ކަމަށެވެ. މި ހިދުމަތް ފޯރުކޮށްދޭނީ ރޭގަނޑު 8:00-11:00 އަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ސަންފްރޮންޓް ފިހާރަތަކުގެ ހޮޓްލައިންތައް
- ސަންފްރޮންޓް ލައިޓިން (7965522)
- ސަންފްރޮންޓް ލިވިން (7472255)
- ސަންފްރޮންޓް ބައިކްސް (7332900)
- ސަންފްރޮންޓް ސްކޯޕް (7815113)
ސަންފްރޮންޓުން އަންނަނީ އެ ކުންފުނިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ "މިރެކަލް ސޭލް" ވެސް ފަށައިފަ އެވެ. މި ސޭލް ކުރިއަށްދާ މުއްދަތުގައި ވިޔަފާރި ކުރަން ބޭނުންވާ ކަސްޓަމަރުން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކޮށްގެން ވެސް ވިޔަފާރިކުރެވޭނެ ކަމަށް އެތަނުން ބުނެ އެވެ.
ސަންފްރޮންޓުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުންނާއި އެޗްޕީއޭއިން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކޮށް ކަމާ ބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ކިޔަމަން ވުމަށް އެ ކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފަ އެވެ. އަދި މި ވަގުތު ސޯޝަލް ޑިސްޓެންސް ގާއިމް ކުރުމަށާއި ގެއިން ބޭރަށް ނުކުތުން މަދު ކުރުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.