މެންޗެސްޓާ (މާޗް 1) - މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީއާ އެކު ކްލައުޑިއޯ ރަނިއޭރީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް ހޯދި ކާމިޔާބީ 50 އަހަރު ފަހުން ވެސް މީހުންގެ ހަނދާނުގައި ހުންނާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލެސްޓާ ކޯޗުކަމުން މިދިޔަ ބުރާސްފަތި ދުވަހު ރަނިއޭރީ ވަކިކުރުމުން ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އަންނަނީ ރަނިއޭރީގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ރަނިއޭރީ ވަކިކުރުމުން އޭނާ އަށް ވެސް ލިބުނީ ބޮޑު ހައިރާންކަމެއް ކަމަށެވެ.

"އެ ހަބަރު ލިބުމުން އަހަރެން ވެސް ހައިރާންވި. ޔަގީނުން ވެސް އެނގޭ ކަމަކީ ރަނިއޭރީގެ ލެގަސީ ލެސްޓާގައި އެ އޮތީ. އަދި 50 އަހަރު ފަހުން ވެސް ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ރަނިއޭރީގެ ވާހަކަ ދައްކާނެ،" ގާޑިއޯލާ ބުންޏެވެ.

ރަނިއޭރީ ނެތި ލެސްޓާ ކުޅުނު ފުރަތަމަ މެޗުން ހޯމަ ދުވަހުގެރޭ ވަނީ ލިވަޕޫލް އަތުން 3-1 އިން މޮޅުވެފަ އެވެ. ގާޑިއޯލާ ބުނީ މި މެޗުގައި ފެނިގެންދިޔައީ މިދިޔަ އަހަރު ލެސްޓާގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުން ކަމަށެވެ.

"ލިވަޕޫލާ ދެކޮޅަށް ލެސްޓާ ދެއްކި ކުޅުމުން އަހަރެން ހަނދާންވީ މިދިޔަ ސީޒަނުގައި އަހަންނަށް ފެނުނު ލެސްޓާ މެޗުތަކުގެ މަތިން. އެއީ ރަނިއޭރީގެ ފަރާތުން އެ މީހުންނަށް ލިބުނު ހިތްވަރާ އެކު ދެއްކި ކުޅުމެއް،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ރަނިއޭރީ އަކީ ހަމައެކަނި ޔޫރަޕް ފުޓްބޯޅައިގެ ތަޖުރިބާކާރެއް ނޫން ކަމަށާއި މުޅި ދުނިޔޭގެ ފުޓްބޯޅަ އަށް ވެސް ފަރިތަ ކޯޗެއް ކަމަށެވެ.

"ރަނިއޭރީގެ ފެންވަރާ މެދު ސުވާލު އުފެއްދޭކަށް ޖާގައެއް ނެތް. ގިނަ ޓީމުތަކުގެ ކޯޗުކަން އޭނާ އަށް އޮފާކުރާނެ،" ގާޑިއޯލާ ބުންޏެވެ.

ރަނިއޭރީގެ ކޯޗުކަމުގައި މި ސީޒަނުގައި ލެސްޓާ އިން ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ސިޓީ ބަލިކޮށްފަ އެވެ.