ލަންޑަން (ޑިސެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން 4-2 ބަލިވެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރޭގެ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ ލެސްޓާ އިން ވަނީ ތިން ލަނޑު ޖަހައި ސިޓީ ސިއްސުވާލައިފަ އެވެ. ޖޭމީ ވާޑީ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކުރީ އެންޑީ ކިންގް އެވެ. ދެ ވަަނަ ހާފްގައި ލެސްޓާގެ ތިން ވަނަ ލަނޑު ޖަހައި ވާޑީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ހަދައިފަ އެވެެ. މިއީ ތިން މަސް ދުވަހަށް ފަހު ޕްރިމިއާ ލީގުގައި ވާޑީ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ސިޓީން ލަނޑުތައް ކާމިޔާބުކުރީ މެޗުގެ ފަހު 10 މިނިޓް ތެރޭގަ އެވެ. ހިލޭ ޖެހުމަކުން އަލެކްސަންޑަ ކޮލަރޯވް ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، އިތުރު ވަގުތުގައި ދެ ވަނަ ލަނޑު ކާމިޔާބުކުރީ ނޮލީޓޯ އެވެ.
މި ބައްޔާ އެކު ލީގުގެ ތިން ވަނަ އަށް އަރަން ސިޓީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ސިޓީ ލީގުގެ ހަތަރު ވަނައިގައި އޮތީ 15 މެޗުން 30 ޕޮއިންޓާ އެކު އެވެ.
ގާޑިއޯލާ ބުނީ އޭނާގެ ޓީމަށް ދިމާވެފައިވާ މައްސަލަ ސީރިއަސް ވަމުން އަންނަ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދުން މުހިއްމު ކަމަށެވެ.
"ފުރަތަމަ 20 މިނިޓް ތެރޭގައި ތިން ލަނޑު ވަނުމުން ކޮންމެ ޓީމަކަށް ވެސް އުނދަގޫވާނެ. އަހަރެންގެ ވިސްނުމަކީ އަބަދުވެސް މެޗު ކޮންޓްރޯލް ކޮށްގެން މޮޅުވުން. އެކަމަކު އެކަން ނުކުރެވި އޮއްވައި ލަނޑުތަކެއް ވަނުމުން ފަސޭހަ ނުވާނެ،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށާއި ކުޅުންތެރިންނަށް ފާޑުކިޔަން ބޭނުން ނުވާ ކަަމަށެވެ.
"އަހަރެންގެ ޒިންމާއެއް ކުޅުންތެރިން މެޗަށް ތައްޔާރުކުރުމަކީ. އެކަން ނުވެގެން ޓީމު މިހާ ބޮޑަށް ބަލިވާނީ. ދެން އަހަރެންނަށް އޮތީ ޓީމަށް ދިމާވެގެން އުޅޭ މައްސަލަ ވީހާ އަވަހަކަށް ހައްލުކުރުން. ޓީމުގެ ހާލަތު އިތުރަށް ގޯސްނުވަނީސް އެކަން ކުރަން ބޭނުން،" ގާޑިއޯލާ ބުންޏެވެ.
މި ސީޒަނުގައި މިހާތަނަށް ލެސްޓާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މިދިޔަ ފަހަރު ލީގުގައި ލެސްޓާ ބަލިނުވާ ވަރަށް މި ސީޒަނުގެ މިހާތަނަށް ވަނީ ބަލިވެފަ އެވެ.
"މިއީ މިދިޔަ ސީޒަނުގައި ފެނުނު ލެސްޓާ. މިއީ އަހަރެމެންގެ ސީޒަން ބަދަލުވާ މެޗަށް ވުމުގެ ފުރުސަތު ބޮޑު. ފަހު ވަގުތު ސިޓީން ދެ ލަނޑު ޖެހި ނަމަވެސް މުޅި މެޗަށް ބަލާއިރު މިއީ އަހަރެމެންނަށް ހިތްހަމަ ޖައްސާލެވޭ ފަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗެއް،" ރަނިއޭރީ ބުންޏެވެ.
ރޭގެ މެޗުގައި ވާޑީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ރަނިއޭރީ ބުނީ މިއީ މުޅި ލެސްޓާ އަށް ލިބިގެން ދިޔަ އުފާވެރިކަމެއް ކަމަށެވެ.
ލެސްޓާ އޮތީ 15 މެޗުން ލިބުނު 16 ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ.