ލަންޑަން (ޑިސެމްބަރު 10) - މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާ ނެރެވިފައި ނުވިނަމަވެސް ކަންބޮޑުނުވާ ކަމަށާއި އެޓީމު އޮތީ ރަނގަޅު ޓްރެކުގައި ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 3-1 އިން ބަލިވިއިރު، ޗެމްޕިއަންސް ލީގުގައި ސެލްޓިކާ ދެކޮޅަށް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ގާޑިއޯލާ ބުނީ ދެ މެޗުގައި ވެސް ގޯސްވީ ހަަމައެކަނި ނަތީޖާ ކަމަށެވެ.
"ޗެލްސީ އާއި ސެލްޓިކާ ދެކޮޅަށް ކުޅުނު ގޮތަށް ކުޅެގެން އަހަރެމެންނަށް މުސްތަގުބަލުގައި ގިނަ ކަންތައްތަކެއް ހާސިލްކުރެވިދާނެ. އެ ދެ މެޗުގައި ތަނަވަސްކުރި ފުރުސަތުތައް ބޭނުން ނުކުރެވުނަސް މުސްތަގުބަލުގައި އެކަން ރަނގަޅުކޮށްގެން ޓީމަށް ހޯދޭނެ ގިނަ ކާމިޔާބީތައް އެބަހުރި. ޓީމު އޮތީ ރަނގަޅު ޓްރެކުގައި،" ގާޑިއޯލާ ބުންޏެވެ.
ލީގުގައި މިރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ސިޓީ ނުކުންނައިރު ޗެލްސީ މެޗުގައި ދެއްކި ދެ ރަތް ކާޑުގެ ސަބަބުން ސާޖިއޯ އަގުއޭރޯ ހަތަރު މެޗަށް އަދި ފެނާންޑީނިއޯ ތިން މެޗަށް ވަނީ ސަސްޕެންޑްވެފަ އެވެ. އަދި މިރޭގެ މެޗަށް ސިޓީގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ވެސް ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.
"ކޮންމެ ކުޅުންތެރިޔެއް ވެސް ޓީމަށް މުހިއްމު. އަގުއޭރޯ އާއި ފެނާންޑީނިއޯ ވެސް މުހިއްމު. އެ ދެ ކުޅުންތެރިން ނުލައި ސިޓީން މި ސީޒަނުގައި ބައެއް މެޗުތަކުގައި ކުޅެފި. ދެ ކުޅުންތެރިޔަކު މަދު މެޗުތަކަށް ގެއްލިގެން ޝަކުވާކުރަން ނެތިން،" ގާޑިއޯލާ ބުންޏެވެ.
ކުޅުނު 14 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ސިޓީ ލީގުގެ ހަތަރު ވަނައިގައި އޮތްއިރު ލެސްޓާ އޮތީ 13 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ. ގާޑިއޯލާ ބުނީ ލެސްޓާ އަކީ ކޮން ފެންވަރެއްގެ ޓީމެއްކަން މުޅި ދުނިޔެ އަށް މިހާރު އެނގޭ ކަމަށެވެ.
"ލެސްޓާ އަކީ ޗެމްޕިއަނެއް. އެ ޓީމު މިދިޔަ އަހަރު ހޯދި ކާމިޔާބީ އަކީ އަހަރުތަކެއް ވަންދެން މީހުން ދައްކާނެ ވާހަކައެއް. އެ ފަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ސަމާލުވާންޖެހޭ،" ގާޑިއޯލާ ބުންޏެވެ.
ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ މިއީ ސީޒަންގެ އެންމެ މުހިއްމު ވަގުތު ކަމަށާއި ކުރިއަށް ދެވެން އޮތީ ބޮޑެތި މެޗުތަކުން ޕޮއިންޓް ހޯދައިގެން ކަމަށެވެ.
ސިޓީ އާއި ލެސްޓާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.