ރިޔާޒް (މާޗް 29) - ސައުދީ އަރަބިއާގައި ބަންދުކޮށްފައިވާ އަންހެން އެކްޓިވިސްޓުންގެ ތެރޭން ތިން އެކްޓިވިސްޓަކު ވަގުތީ ގޮތުން މިނިވަންކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.

އަހަރެއްހާ ދުވަހު ބަންދުގައި ބޭތިއްބުމަށް ފަހު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ތިން އެކްޓިވިސްޓުން ދޫކޮށްލީ އެ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ފަހު އެވެ. އަންހެން އެކްޓިވިސްޓުން ބަންދުގައި ތިބިއިރު އެ މީހުންންގެ ތަހުގީގުގައި އަނިޔާކޮށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ދޫކޮށްލި ތިން އެކްޓިވިސްޓުންގެ ނަން ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނެފައެއް ނުވެ އެވެ. ނަމަވެސް ގިނަ ރިޕޯޓްތައް ބުނާ ގޮތުގައި ދޫކޮށްލާފައި ވަނީ ސައުދީގެ ބްލޮގަރެއް ކަމަށްވާ އީމާން އަލް ނަފްޖާން އާއި ކިންގް ސައުދު ޔުނިވާސިޓީގެ ރިޓަޔާޑް ލެކްޗަރެއް ކަމަށްވާ އަޒީޒާ އަލް ޔޫސުފް އަދި އިލްމީ ބޭކަނބަލެއް ކަމަށްވާ ރުކަޔާ އަލް މުހަރިބެވެ.

އެ މީހުން ބަންދުކުރީ ބައިނަލްއަގުވާމީ މީޑިއާ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާ ގުޅުން ބާއްވާތީ ކަމަށްވެ އެވެ.

ތިން އަންހެނުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ. އެ މީހުން ދޫކޮށްލި ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ބަރާބަރަށް ހާޒިރުވުމަށް އަންގާފައިވެ އެވެ. އެ މީހުންގެ މައްސަލައިގެ އަޑު އެހުމެއް ދެން ތާވަލްކޮށްފައި ވަނީ އެޕްރީލް 3 ވަނަ ދުވަހު ކަމަށް އާއިލާގެ ބޭފުޅުން ބުނެ އެވެ.

ސައުދީން މިދިޔަ އަހަރުގެ މެއި މަހު ވަނީ 11 އެކްޓިވިސްޓަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ލުޖައިން އަލް ހަތުލޫލް އާއި ޔުނިވާސިޓީ ޕްރޮފެސަރެއް ކަމަށްވާ ހާތޫން އަލް ފައްސީ ހިމެނެ އެވެ.