ޖެނީވާ (މާޗް 8) - އަންހެން އެކްޓިވިސްޓުން ހައްޔަރު ކުރާތީ، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 36 ގައުމަކުން ސައުދީ އަރަބިއާ އަށް ފާޑުކިޔައިފި އެވެ.

ޖެނީވާގައި ކުރިއަށްދާ ބައްދަލުވުމުގައި 36 ގައުމުން ނެރުނު ގުޅިފައިވާ ބަޔާނަކީ 2006 ވަނަ އަހަރު ކައުންސިލް އުފެއްދި ފަހުން ސައުދީ އަށް އަމާޒުކުރި ފުރަތަމަ ފާޑުކިޔުންތަކެވެ. ބަޔާނުގައި ބުނެފައި ވަނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ގިނަ އަދަދެއްގެ އަންހެން އެކްޓިވިސްޓުން ހައްޔަރުކޮށް އަދި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނޫސްވެރިޔާގެ މަރުގެ ތަހުގީގަށް ސައުދީން ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް ގޮވާލައިފައިވެ އެެވެ.

ސައުދީން ބުނެފައި ވަނީ އެއީ އެ ގައުމުގެ ދާޚިލީ ކަންކަމާ ބެހުން ކަމަށެވެ. ޖެނީވާގައި ހުންނަ ސައުދީ އަަރަބިއާގެ ދާއިމީ މަންދޫބު އަަބްދުލް އަޒީޒް އަލްވާސިލް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ނަމުގައި ސައުދީގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށެވެ.

ތަޖްރިބާކާރުން ބުނަނީ ސައުދީން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގި ނަމަވެސް ހިއުމަން ރައިޓްސް ކައުންސިލްގެ މީގެ ކުރީގެ ބައްދަލުވުންތަކުގައި ސައުދީއާ ދެކޮޅަށް ބަހެއް ބުނަން ކެރޭ ގައުމެއް މަދު ކަމަށެވެ. ސަބަބަކީ ޔޫރަޕުގެ ގިނަ ގައުމުތަކަކީ ސައުދީއާ ގާތް ގުޅުމެއް ބާއްވާ ބަޔަކަށްވާތީ އެވެ.

ނަމަވެސް މި ފަހަރުގެ ބައްދަލުވުމުގައި ޔޫރަޕުގެ 28 ގައުމުން ވަނީ ސައުދީ އަށް ފާޑުކިޔުމުގައި ބައިވެރިވެފަ އެވެ. ބަޔާން ނެރުމުގައި ދެން ބައިވެރިވި އަށް ގައުމަކީ އޮސްޓްރޭލިއާ، ކެނެޑާ، އަައިސްލޭންޑް، ލެއިޗެސްޓެއިން، މޮނާކޯ، މޮންޓެނީގްރޯ، ނިއު ޒީލެންޑް އަދި ނޯވޭ އެވެ.

މި ގައުމުތަކުން ވަނީ ސައުދީގައި ހައްޔަރުކޮށްފައިވާ އަންހެން ނުވަ އެކްޓިވިސްޓުން ހިމެނޭ ގޮތަަށް އެންމެން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.