ރިޔާޒް (އޮގަސްޓް 2) - ސައުދީ އަރަބިއާގެ އަންހެނުން ގައުމުން ބޭރަށް ދަތުރު ކުރާ އިރު ފިރިހެން ބެލެނިވެރިއެއްގެ ހުއްދަ ހޯދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިއަދު ނެރުނު ޝާހީ ގަރާރެއްގައިވާ ގޮތުން އުމުރުން 21 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ވެސް ފިރިހެން ބެލެނިވެރިއެއްގެ ހުއްދައާ ނުލައި ވެސް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އެވެ. އެހެން ކަމުން ފިރިހެނުންނެކޭ އެއްގޮތަށް ސައުދީ އަންހެނުންނަށް ވެސް މިހާރު ޕާސްޕޯޓަށް އެދި ހުށަހަޅައި އަދި ދަތުރު ކުރެވޭނެ އެވެ. ސައުދީ އަންހެނުންނަށް ކުރިން ދަތުރު ކުރެވެނީ މަހުރަމަކާ އެކު އެވެ.
ގަރާރުގައިވާ ގޮތުން ސައުދީ ހުރިހާ ރައްޔިތުންނަށް ވެސް ޖިންސުގެ ތަފާތު ކުރުމެއް، އުމުރުގެ ތަފާތެއް އަދި ނުކުޅެދުންތެރިކަމުގެ ތަފާތެއް ނެތި ވަޒީފާ އަދާ ކުރުމުގެ ހައްގު ލިބިގެންވެ އެވެ.
"އެޕްލިކޭޝަން ހުށަހަޅާ ސައުދީގެ ކޮންމެ ރައްޔިތަކަށް ވެސް ޕާސްޕޯޓް ހަދައިދޭނެ،" ރަސްމީ ގެޒެޓް އުއްމުލް ގުރާގައި ޝާއިއުކޮށްފައިވާ ގަރާރުގައިވެ އެވެ.
ސައުދީ ސަރުކާރުގެ ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެއްބަޔަކު ދަނީ އުފާފާޅު ކުރަމުންނެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 ގެ ދަށުން ގައުމު އިތުރަށް ހުޅުވާލާއިރު އަންހެނުންގެ ބައިވެރިވުން ބޮޑު ކުރަން ވަނީ ހަމަޖައްސައިފަ އެވެ. މި ޕްރޮގްރާމުގެ ދަށުން، ވަޒީފާގެ މާހައުލުމުގައި އަންހެނުންގެ ބައިވެރިވުން 22 ޕަސެންޓުން 30 ޕަސެންޓަށް އިތުރު ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
ސައުދީން މިދިޔަ އަހަރު ވަނީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ވެސް ދީފަ އެވެ. އަދި ކުޅިބަލަން އަންހެނުން ސްޓޭޑިއަމްތަކަށް ދިއުން ވެސް ވަނީ ހުއްދަ ކޮށްފަ އެވެ.