ސިޔާސީ ޕާޓީއެއްގައި 3،000 މެމްބަރުން ހަމަނުވާ ނަމަ އެ ޕާޓީއެއް އުވައިލާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން މީގެ އަށް އަހަރު ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.

މީގެ އަށް އަހަރު ކުރިން 2013 ގައި ވުޖޫދަށް ގެނައި ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން 3،000 މެމްބަރުންގެ ހަމަވެގެން ނޫނީ ޕާޓީއެއް ރަޖިސްޓްރީ ނުކުރެވޭނެ އެވެ. އަދި އެ އަދަދަށް ވުރެ މެމްބަރުން މަދުވެއްޖެ ނަމަ، އެ ޕާޓީއެއް އުވާލަން ޖެހޭ ގޮތަށް އެ ގާނޫނުގައިވެ އެވެ. އެކަމަކު ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމާއި ބިން ދޫކުރެވޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށް އެ ގާނޫނުގައިވެ އެވެ. ގާނޫނުގެ އެ މާއްދާތައް ބާތިލްކުރަން 2013 ވަނަ އަހަރު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ސ. ފޭދޫ އެވަރެސްޓް، އިމާދު ސޯލިހެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިމާދު ވިދާޅުވީ 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހިމެނުމުން ކުދި އެތައް ޕާޓީއެއް އުވިގެން ގޮސްފައިވާ ކަމަށެވެ. އަދި 3،000 މެމްބަރުންނަކީ ރާއްޖޭގެ އާބާދީއާ ބަލާއިރު ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2013 ވަނަ އަހަރު އޭނާ ހުށަހެޅި މައްސަލައެއްގައި ގޮތެއް ނުނިމި މިހާ ދިގުލައިގެން ދިއުމުން ހިތާމަ ކުރާ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.

ދައުލަތުން ބުނީ ވަކި އަދަދަށް މެމްބަރުން ހަމަވުން ލާޒިމް ކުރުމާއި އެ އަދަދު ހަމަނުވާ ޕާޓީތައް އުވާލާ ގޮތަށް ގާނޫނުގައި ހިމެނުމަކީ މިނިވަން ޑިމޮކްރަޓިކް ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ކަމަށެވެ. އަދި ޕާޓީއެއް އުފައްދަން މެމްބަރުން ބޭނުންވާނެ އަދަދެއް ކަނޑައަޅަން ގާނޫނު އަސާސީ ހުރަސް ނާޅާ ކަމަށާއި 3،000 މެމްބަރުންނަކީ ނިސްބަތުން ބޮޑު އަދަދެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. އަދި ބައެއް ގައުމުތަކުގައި ހުރީ ވެސް ރާއްޖެއާ އެއް ނިސްބަތަކުން އަދަދުތައް ކަނޑައަޅާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގެ އަޑުއެހުންތައް ނިންމާލަމުން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިިރާއި ފަނޑިޔާރު އަލީ ރަޝީދެވެ.