ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް އެއްވެސް ނުފޫޒެއް ފޯރުވުމުގެ އަމަލެއް ނުހިންގުމުގެ އަމުރެއް ނެރެދިނުމަށް އެ ކޯޓުގައި އެދިއްޖެ އެވެ.
މި އަމުރު ނެރެދިނުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވީ އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިނެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އަލީ ހުސައިން ފޮނުއްވި ސިޓީގައިވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމުގެ މައްސަލާގެ ޝަރީއަތް ހޯމަ ދުވަހަށް ތާވަލް ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ކަމަށާއި އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ފަނޑިޔާރުން މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ކަމުގެ މައުލޫމާތު އާންމުވަމުންދާ ކަމަށެވެ.
އެފަދަ މަސައްކަތް ކުރެވެމުންދާ ނަމަ އޭގެ ސަބަބުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށް އެ ސިޓީގައިވެ އެވެ.
އަލީ ހުސައިން އެދިވަޑައިގަތީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރުން މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އަޅާނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވެ އެވެ.
އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.
މިއީ ރާއްޖޭގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލްކުރަން ކޯޓަކަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ. އެ މައްސަލާގެ ތެރެއަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވެސް ވަނީ ތަދައްހުލްވެފަ އެވެ.