ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ފިިޔަވަޅެއް ނާޅަން ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު، އެ މައްސަލާގެ ހުކުމް ކުރަންދެން، ޕާޓީން ވަކިވުމުން ނުވަތަ ވަކިކޮށްގެން މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރަން ވަގުތީ އަމުރަކަށް އަލީ ހުސައިންގެ ފަރާތުން އެދުނެވެ.

މީގެ އިތުރުން އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށް ވެސް އެ މައްސަލާގައި އެދުނެވެ. 

އެ އަމުރާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައިވަނީ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރެއް ނެރެފިނަމަ އެއީ މައްސަލާގެ މައުޟޫއުއަށް އަސަރު ކުރާނެ ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ފަނޑިޔާރުންނާ މެދު ފިޔަވަޅު ނާޅަން ނެރެދޭން އެދުނު އަމުރާ ގުޅިގެން ނިންމި ނިންމުމުގައި ވަނީ އެފަދަ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ހިލާފު ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. 

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.