ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅުން ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތެއްގައި، ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް ބައިވެރިވެ ވަޑައިގަތުން ބަލައިނުގަނެވޭނެ ކަމަށް، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރި މަލީހް، ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ޖަގަހައެއް މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އިރު، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ.

އެކަމަކުު މަގާމުން ވަކިކުރިތާ މާގިނަ ދުވަހެއް ނުވެ، އިދިކޮޅުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތީ ކަމަށް ބުނެ މީހުން ކުރަމުންދާ ތުހުމަތުތައް މަލީހް ދޮގު ކުރެއްވި އެވެ. މަލީހް ވިދާޅުވި ގޮތުގައި އެ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތީ އޭނާ ނިސްބަތްވެ ވަޑައިގަންނަޗާ ފުވައްމުލަކުގެ ޒުވާނުންގެ ދައުވަތަކަށެވެ.

ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރުކަން ހޯއްދެވި މަލީހްގެ މި އަމަލު، އެ ޕާޓީއަކަށް ކަމަކު ނުދިޔަ އެވެ.

ސަރުކާރުު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ކެމްޕޭން ހަރަކާތުގައި މަލީހް ބައިވެރިވެ ވަޑައިގެންނެވީ އެ ޕާޓީއަށް އެނގިގެން ނޫން ކަމަށާއި އެއީ ޕާޓީން ތާއީދު ވެސް ކުރާ ކަމެއް ނޫން ކަމަށެވެ.

"މަލީހްގެ އެ އަމަލު ޖޭޕީއަކަށް ބަލައެއް ނުގަނެވޭނެ. އެކަން ހިނގައި ދިޔަ ގޮތް އަޅުގަނޑުމެން މިދަނީ ބަލަމުން،" ކޮމިއުނިކޭޝަންސް މިނިސްޓްރީގައި މަލީހްއާއެކު މަސައްކަތް ކުރެއްވި، އެތަނުގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އިދިކޮޅުގެ ހަރަކާތުގައި ބައިވެރިވެެ ވަޑައިގެންނެވީ ފުވައްމުލަކު ޒުވާނުންތަކެއްގެ އެދުމުގެ މަތިން ކަމަށް މަލީހް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން އަލީ ވިދާޅުވީ އެ ރަށުގައި ޖޭޕީގެ ކެންޑިޑޭޓުން ވެސް އުޅޭ ކަމަށާއި އެ މީހުންނަށް ކެމްޕޭން ކުރުން މާރަނގަޅު ވާނެ ކަމަށެވެ.

"ކޮންމެ މީހެއްގެ ވެސް އަމިއްލަ ގޮތެއް ހުންނާނެ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަނީ ޕާޓީ ރޫހު މާބޮޑުވާން ޖެހޭނެ ކަމަށް،" އަލީ ސޯލިހު ވިދާޅުވި އެވެ.

"މިހާރު"އަށް މަލީހް މިއަދު ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގައި ޖޭޕީގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުން އޭނާގެ ތާއީދު އޮންނާނީ އިދިކޮޅުގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އެއީ، ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބެން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ މެޖޯރިޓީއާ އެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށެވެ. ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑިތައް އެމްޑީޕީ އަށް ލިބުމަކީ އެ މަގަށް ކަންކަން ކުރައްވައި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ނަޝީދަށް ފަސޭހަފުޅުވާނެ ކަމެއް ކަމުން، އެކަމާ ދެކޮޅަށް ނުކުމެ ހުންނެވި ކަމަށް މަލީހް ވިދާޅުވި އެވެ.