ޓެލެކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ މައްސަލައިގައި، އޭނާއާ ދެކޮޅަށް ވޯޓުދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އޮތީ އެޖެންޑާ ކޮށްފަ އެވެ. އޭނާގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިދިޔަ އަހަރު ފާސްކުރުމަށް ފަހު، މަޖިލީހަށްް ހުށަނާޅައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރުމަށް ފަހު އާޒިމް އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ނިންމުމާ މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަކި ގޮތެއް ނުނިންމެވުމުންނެވެ.
މަލީހާ ދެކޮޅަށް ވޯޓު ދޭން މިއަދު ތްރީލައިން ވިޕެއް ނެރުނީ ޕީޖީ ގްރޫޕްގައި ކުރިން ނެގި ވޯޓުގައި އެގޮތަށް ފާސްކޮށްފައި ވާތީ އެވެ.
އެމްޑީޕީއަކީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ ޕާޓީ އަށް ވާތީ، އެ ޕާޓީގެ މެމްބަރުން ވިޕާ ހިލާފު ނުވެއްޖެ ނަމަ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވާނެ އެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުން ވަނީ މަޖިލީހުގައި ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތެވެ. އެއީ 43 އެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާ ޖަވާބުދާރީ ވެވަޑައިގަންނަވަން ވަގުތު ދޭނެ ގޮތަކާ ބެހޭ ގޮތުން މަޖިލީހުގެ ގަވައިދު ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު ނިންމާފައި އޮތީ މަލީހަށް 30 މިނެޓްގެ ވަގުތު ދިނުމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. ނަމަވެސް މަލީހު ވިދާޅުވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެހެންވެ، މަލީހު ވިދާޅުވަމުން ގެންދަވަނީ އިންޓަނެޓުގެ އަގުހެޔޮ ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސީދާ ރައީސް އޮފީހުން ގޮތެއް ނިންމުމުން ކަމަށެވެ.
ނަމަވެސް ރައީސް އޮފީހުން އެ މައްސަލައިގައި ވާހަކައެއް ނުދައްކަ އެވެ.