ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްޕޭން ކުރަން އިދިކޮޅުން ބޭއްވި އެއްވުމެއްގައި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ބައިވެރިވެވަޑައިގަތުމުން، ޖޫމްހޫރީ ޕާޓީގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އޭނާ އެ ޕާޓީން މިރޭ ވަކިވެވަޑައިގެންްފި އެވެ.
މަލީހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ އިޚުލާސްތެރިކަމާ އެކު ކޯލިޝަނުގެ ތެރޭގައި އަޑު އުފުލި މީހާއާ މެދު އެމްޑީޕީން ބޭއިންސާފުން ކަންތައް ކުރި އިރު އެ ޕާޓީން އެެއްްޗެއް ނުބުނާ ކަމަށެވެ. މަލީހު އެ އިޝާރާތް ކުރެއްވީ އޭނާގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު ޖޭޕީން އެކަމާ ދެކޮޅަށް ވާހަކަ ނުދައްކައި އޮތް އޮތުމަށެވެ.
ކުރީގެ ޓޫރިޒަަމް މިނިސްޓަރު އަލީ ވަހީދަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭނާ މަގާމުން ވަކިކުރި އިރު އޭނާއާ ދޭތެރޭގައި ފިޔަވަޅެއް އަޅާފައި ނުވާތީ މަލީހު އެކަމަށް ވެސް ފާޑުވިދާޅުވި އެވެ.
"ކޯލިޝަނުގައި (ޖޭޕީ އޮތީ) ދަލު ބޭރުން. މި ވަގުތު ޖޭޕީއާ ދުރަށް ޖެހިލާނަން،" ޓްވީޓްގައި މަލީހު ވިދާޅުވި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ޖަގަހައެއް މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި މަލީހު ބައިވެރިވެ ވަޑައިގެންނެވި އިރު، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ.
މަލީހު ވިދާޅުވި ގޮތުގައި އެ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ފުވައްމުލަކުގެ ޒުވާނުންގެ ދައުވަތަކަށެވެ.
ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރުކަން ހޯއްދެވި މަލީހްގެ މި އަމަލު، އެ ޕާޓީއަކަށް ކަމަކު ނުދިޔަ އެވެ. ސަރުކާރުު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ކެމްޕޭން ހަރަކާތުގައި މަލީހް ބައިވެރިވެ ވަޑައިގެންނެވީ އެ ޕާޓީއަށް އެނގިގެން ނޫން ކަމަށާއި އެއީ ޕާޓީން ތާއީދު ވެސް ކުރާ ކަމެއް ނޫން ކަމަށެވެ.
"މަލީހުގެ އެ އަމަލު ޖޭޕީއަކަށް ބަލައެއް ނުގަނެވޭނެ. އެކަން ހިނގައި ދިޔަ ގޮތް އަޅުގަނޑުމެން މިދަނީ ބަލަމުން،" ކޮމިއުނިކޭޝަންސް މިނިސްޓްރީގައި މަލީހްއާ އެކު މަސައްކަތް ކުރެއްވި، އެތަނުގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އިދިކޮޅުގެ ހަރަކާތުގައި ބައިވެރިވެެ ވަޑައިގެންނެވީ ފުވައްމުލަކު ޒުވާނުންތަކެއްގެ އެދުމުގެ މަތިން ކަމަށް މަލީހް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން އަލީ ވިދާޅުވީ އެ ރަށުގައި ޖޭޕީގެ ކެންޑިޑޭޓުން ވެސް އުޅޭ ކަމަށާއި އެ މީހުންނަށް ކެމްޕޭން ކުރުން މާރަނގަޅު ވާނެ ކަމަށެވެ.