ނޮކިއާގެ ފްލިޕް ނުވަތަ ލައްޕާ ފޯނު މަތިން ހަނދާން އެބަ ހުރި ހެއްޔެވެ؟ ފަހަރުގައި އެ ފޯނުމަތިން އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ނެރުނު "ނޮކިއާ 2720 ފޯލްޑް" އަލުން ނެރެން ނިންމައި، މީގެ އަޕްޑޭޓެޑް ވާޝަނެއް ފިންލެންޑް ނޮކިއާ އިން ބުރާސްފަތި ދުވަހު ވަނީ ޖަރުމަންގެ ބާލިންގައި ކުރިއަށްދާ އިންޓަނޭޝަނަލް ފިސްކަލް އެސޯސިއޭޝަން ކޮންގްރެސް (އައިއެފްއޭ) ގައި ދައްކާލައިފަ އެވެ.

ނޮކިއާ 2720 ފްލިޕް" ގެ ނަމުގައި ފޯނު ނެރޭ އިރު އަލަށް ހިމަނާފައިވާ ފީޗާތަކުގެ ތެރޭގައި 4ޖީ އާއި ގޫގުލް އެސިސްޓަންޓާއި ޔޫޓިއުބާއި ފޭސްބުކާއި ވަޓްސްއެޕް ކަހަލަ އެޕްތައް ވެސް ފޯނަށް ހެޔޮވަރުކޮށްފައި ހުރުން ހިމަނާފައިވެ އެވެ.

ކަޅާއި އަޅި ކުލައިގައި ނެރޭ ފޯނުގެ އިތުރު ފީޗާތަކުގެ ތެރޭގައި ފޯނުގެ ބޭރު ސްކްރީން 1.3 އިންޗީގައި ހުރުމާއި މައި ޑިސްޕްލޭގައި 2.8 އިންޗި ހުރުން ހިމެނެ އެވެ. އަދި މީގައި ވައިފައި ވެސް މަސައްކަތްކުރާނެ އެވެ.

މި މަހުގެ ފަހިކޮޅު ފޯނު ބާޒާރަށް ވެސް ނެރެން ނިންމާފައިވާ އިރު، ފޯނުގެ ރިޓެއިލް އަގު ވެސް މިހާރު ނޮކިއާ ހިއްސާކޮށްފައިވެ އެވެ. އެއީ 98 ޑޮލަރު (1,509.20ރ.) އެވެ. އެކަމަކު ފޯނު ރަސްމީކޮށް ބާޒާރަށް ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

ނޮކިއާ މިހާރު އަންނަނީ މޮބައިލް ފޯނު އާންމުވެގެން އައި ދުވަސްވަރު އެ ކުންފުނިން ނެރުނު އެކި މޮޑެލްތަކުގެ ފޯނު މި ޒަމާނަށް ފައްތައި އެކަމަށް ހާއްސަ ޕްރޮޖެކްޓް "ނޮކިއާ އޮރިޖިނަލްސް" ގެ ނަމުގައި އަލުން ގެނެސްދޭން މަސައްކަތްތަކެއް ކުރަމުންނެވެ.