ފޯނުތަކުގެ ކެމެރާ ވަރުގަދަކުރަމުން ގޮސް ވާދަވެރިކަން އުފެދުނީ ސެލްފީ ކެމެރާ އުފެއްދުމުގަ އެވެ. މީގެ ކުރިން މޯބައިލް ފޯނު މާކެޓްގައި ރަސްކަން ކުރުމަށް ފަހު ވަޅުޖެހި ނޮކިއާ އެނބުރި އައިސް އެ ކުންފުނިން މި ވަނީ އަލަށް އުފެއްދި ފޯނެއްގައި އަނެއްކާވެސް "ބޯތީ" ކެމެރާ ހަރުކޮށްފަ އެވެ.
"ބޯތީ" އަކީ ފޯނުން ފޮޓޯ ނަގާއިރު ކެމެރާގެ ފުރަގަހުގައި ހުންނަ މީހާ އާއި ފޯނު ހިފައިގެން ހުންނަ މީހާ އެއް ފްރޭމަކުން ފެންނަ ފޮޓޯ އެވެ. ސެލްފީ އަކީ "ސެލްފް" ނުވަތަ އަމިއްލަ އަށް އަމިއްލަ ފޮޓޯ ނެގުން ކަމަށް ވާއިރު "ބޯތީ" އަކީ "ބޯޗު" ނުވަތަ ދެ މީހުންނަށް ނިސްބަތްވާ ގޮތަށް ދީފައިވާ ނަމެކެވެ.
މީގެ ކުރިން ނޮކިއާ 8 ގައި ވެސް ބޮތީ ފީޗާ ހިމެނި އެވެ. އެކަމަކު އޭގެ ފަހުން ނޮކިއާގެ ނަންބަރުތައް ފުރިހަމަކޮށްލަމުން ނެރުނު ނޮކިއާ 7 ގައި ވެސް ބޮތީ ހިމަނައިފި އެވެ. އެކަމަކު ނޮކިއާ 8 އަށް ވުރެ މި ފޯނު އަގު ހެޔޮވާނެ އެވެ.
ނޮކިއާ 7 ފެންވަރުގެ ގޮތުން ބަލާއިރު މެދުފަންތި އެވެ. މީގެ ސްކްރީން ސައިޒަކީ 5.2 އިންޗި އެވެ. އެއީ 1080ޕީގެ އައިޕީއެސް އެލްސީޑީ ޑިސްޕްލޭއެކެވެ. ސްނެޕްޑްރެގަން 630ގެ ޕްރޮސެސާއެއް ބޭނުންކުރާ މި ފޯނުގައި އިންނަނީ 3000 މިލިއެމްޕް އަވާގެ ބެޓެރީއެކެވެ. މައިކްސޯ އެސްޑީ ކާޑު ބޭނުންކޮށްގެން ސްޓޮރޭޖް އިތުރުކޮށްލެވެ އެވެ. ނޮކިއާ 7ގެ 4 ޖީބީ ރޭމް އާއި 64 ޖީބީ ސްޓޮރޭޖް ކެޕޭސިޓީގައި އަދި 6 ޖީބީ ރޭމް 128 ޖީބީ ސްޓޮރޭޖް ކެޕޭސިޓީގައި ވެސް ލިބެން ހުންނާނެ އެވެ.
"ބޯތީ" އަކީ މާ މޮޅު ފީޗާއެއް ނޫނެވެ. މިގޮތަށް ކުރިން ވެސް ބައެއް ފޯނުތަކުގައިި ހެދެ އެވެ. ނަމަވެސް މި ފީޗާ ރަނގަޅު ފެންވަރުގައި އަނބުރާ ގެނައުމުން މިއީ މަޖާ ކަމަކަށް ވާނެ ކަމަށް ނޮކިއާ އިން ދެކެ އެވެ.