މޯބައިލް ފޯނު މާކެޓުގައި ނޮކިއާ ރަސްކަން ކުރި ދުވަސްވަރު އުފެއްދި އެ ކުންފުނީގެ އެންމެ މަގުބޫލު ފޯނު ކަމަށްވާ 3310 މިއަދު ބަދަލުތަކަކާ އެކު އަލުން ތައާރަފްކޮށްފި އެވެ.
މީގެ 17 އަހަރު ކުރިން ނޮކިއާއިން ވިއްކި މި ފޯނު މަޝްހޫރުވެފައި ވަނީ ބައްޓަން ރީތި އަދި ވަރުގަދަ ފޯނެއްގެ ގޮތުގަ އެވެ. މި ފޯނު އުފެއްދުން 2005 ވަނަ އަހަރު ހުއްޓާލީ އޭގެ 126 މިލިއަން ފޯނު އުފެއްދުމަށް ފަހުގަ އެވެ.
ފިންލެންޑުގެ އެޗްއެމްޑީ ގްލޯބަލްގެ ލައިސަންސްގެ ދަށުން ނޮކިއާ ފޯނު އުފައްދައި އަލުން މާކެޓަށް ވަންނަން ފެށި މަސައްކަތުގައި 3310 މަރުކާގެ ފޯނު ހަދާފައި ވަނީ ކުރީގެ ބައްޓަން ގެއްލުވައިނުލައި އެކަމަކު ސްކްރީން ބޮޑުކޮށެވެ. އަލަށް ހެދި ފޯނުގައި ކުލަ ސްކްރީނެއް ހިމަނާފައި ވާއިރު އިހުގެ ފޯނުގައި ހުރި އާދައިގެ މަޖާ ގޭމުތައް ވެސް ހުރެ އެވެ. އޭރުގެ އެންމެ މަގުބޫލު ރިންގްޓޯންތައް ވެސް އެބަހުއްޓެވެ. ފޯނު ވިއްކާނީ "ސްނޭކް" ގޭމާ އެކުގަ އެވެ. އެކަމަކު އާ ވާޝަންއެކެވެ.
މާކެޓް ދިރާސާކުރާ ފަރާތަކުން ބުނަމުން ދަނީ ނޮކިއާ އަލުން މާކެޓަށް ވަންނަން ކުރާ މަސައްކަތުގައި 3310 އަލުން ލޯންޗްކުރުމަކީ ވަރަށް ބުއްދިވެރި ނިންމުމެއް ކަމަށެވެ. މި ފޯނާ އެކު ނޮކިއާއިން ވަނީ އެންޑްރޮއިޑްގައި ހިންގާ ފޯނުތަކެއް ވެސް ތައާރަފްކޮށްފަ އެވެ.
ނޮކިއާ 3310 އަކީ ސްމާޓްފޯނެއް ނޫނެވެ. އިންޓަނެޓް ލިބުނަސް ކުރެވޭނީ ވަރަށް އާދައިގެ ކުދިކުދި ކަންކަމެވެ. މި ފޯނު ހިންގަނީ އެސް30 ޕްލަސް އޮޕަރޭޓިން ސިސްޓަމުގަ އެވެ. ކަނެކްޓިވިޓީ އަކީ 2.5ޖީ އެވެ. އެހެންވެ 3ޖީ އާއި 4ޖީ އަށް ވުރެ ޑޭޓާ ސްޕީޑް މާބޮޑަށް ވެސް ދަށްވާނެ އެވެ. ވެބް ބްރައުޒް ކުރެވުނަސް މީގެ ފޯނުތަކަށް ހުންނާނީ ވަރަށް މަދު އެޕްލިކޭޝަންތަކެކެވެ. އަދި ހިމަނާފައި ވަނީ ދެ މަގްޕިކްސެލްގެ ކެމެރާއެކެވެ.
މޯބައިލް ވޯލްޑް ކޮންގްރެސްގައި މިއަދު ތައާރަފްކުރި މި ފޯނުގެ ބެޓެރީއާ މެދު ހާސްވާކަށް ނުޖެހޭނެ އެވެ. އެޗްއެމްޑީން ބުނީ ސްޓޭންޑްބައި މޯޑުގައި މަސް ދުވަހު ބެޓެރީ ހިފަހައްޓާނެ ކަމަށާއި 22 ގަޑިއިރު ވާހަކަ ދެއްކޭ ވަރަށް ބެޓެރި ހިފަހައްޓާނެ ކަމަށެވެ.
މީގެ ފޯނެއްގެ އަގަކީ ގާތްގަނޑަކަށް 50 އެމެރިކާ ޑޮލަރެވެ.