ހަލުއިކަމާ އެކު މިހާރު ކޮވިޑް-19 ފެތުރެމުން ދާ ގއ. ދެއްވަދޫގައި އިއްޔެ އިތުރު 11 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ، ހައި ރިސްކުގައި ހިމެނޭ ދެ މީހަކު މާލެ ގެންނަން ނިންމައިފި އެވެ.
ދެއްވަދޫގައި ކޮވިޑް އުޅޭކަން ކަށަވަރުވީ މިދިޔަ މަހު 24ގައި ހަ މީހަކު ޕޮޒިޓިވްވުމުން ކަމަށް ވިޔަސް މިހާރު އެނގެނީ އެއަށް ވުރެ ކުރިން ވެސް އެ ރަށުގައި ބަލި ފެތުރެން ފަށާފައިވާކަމެވެ. އޭގެ ފަހުން އެ ރަށުން 54 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ. އަދި އެ ރަށާ ގުޅުން ހުރި ކޭސްތަކާ އެކު، ދެއްވަދޫ ކްލަސްޓާގެ ޖުމްލަ 63 އަށް އަރަ އެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް މިއަދު ވިދާޅުވީ އެ ރަށުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ދެ މީހަކަށް، އިތުރު ފަރުވާއަށް މިއަދު މާލެ ފޮނުވަން ނިންމާފައިވާ ކަމަށެވެ. އުމުރުން 70 އަހަރުގެ އެ ދެ މީހުން ވެސް ހިމެނެނީ ހައި ރިސްކު ކެޓަގަރީގަ އެވެ.
"އެ މީހުންގެ ހާލު އަނެއްހެން މާ ގޯހެއް ނޫން. އެކަމަކު ހައި ރިސްކުގައި ހިމެނޭތީއާ އެކު، އިތުރު ފަރުވާ ދިނުމަށް މާލެ މި ފޮނުވާލަނީ،" ތައުފީގް ވިދާޅުވި އެވެ.
ދެއްވަދޫގެ ބޮޑު ކްލަސްޓާގައި ހައި ރިސްކު 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ)ން ވަނީ ބުނެފަ އެވެ.
އެ ކްލަސްޓާއިން މިހާތަނަށް 250 ކޮންޓެކްޓުން ފެނިފައިވެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުންނަކީ، ބަލީގެ ނުރައްކާ އޮންނަ، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ.
ދެއްވަދޫގެ އިތުރުން، އެ އަތޮޅު ދާންދޫ ދެ މީހަކާއި ވިލިނގިލީ މީހަކާއި ލ. ފޮނަދޫގެ ހަތަރު މީހަކަށް ވަނީ، އެ ކްލަސްޓާއިން ބަލި ޖެހިފަ އެވެ. އަދި ކްލަސްޓާގައި ހިމެނޭ، ކޮވިޑް ބައްޔަށް ޕޮޒިޓިވް ދެ މީހަކު ހުޅުމާލޭގައި ވެސް އެބަ ތިއްބެވެ.
ތައުފީގް ވިދާޅުވީ މިހާރު ޕޮޒިޓިވްވަމުން ދަނީ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ. އެމީހުންނާ ގުޅުން ނެތް ބަޔަކަށް ބަލި ނުޖެހުމަކީ ހިތްހަމަ ޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން އޭނާ ސިފަކުރެއްވީ، ރަށުތެރޭގައި އިތުރަށް ބަލި ނުފެތުރި، ކޮންޓްރޯލްވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގަ އެވެ.
ދެއްވަދޫގައި އާއްމު ހަރަކާތްތަކާއި ކަންކަން މި ވަގުތު އޮތީ ހުއްޓިފަ އެވެ. އެކަމަކު އެންމެ ބޮޑު މާޔޫސްކަމެއް ލިބިފައިވަނީ، ބަލިމަޑުކަމާ ގުޅިގެން މަހަށް ނުފުރި ތިބި މަސްވެރިންގެ އާއިލާތަކަށް ކަމަށް ތައުފީގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އާއިލާތަކަށް އެހީވުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އދި އަތޮޅުގެ އެހެން ރަށްރަށުގެ ބޮޑު އެހީތެރިކަމެއް ވެސް އެ ރަށަށް ލިބޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އެ އަތޮޅު ވިލިނގިލިން ވަނީ ކާޑުގެ ބާވަތްތަކާއި ފެނާއި އެކި ކަހަލަ ކާބޯތަކެތި ގެންގޮސްފަ އެވެ.