ގއ. ދެއްވަދޫ ސިއްހީ މަރުކަޒާއި ބޭސް ފިހާރައިގެ މުވައްޒަފެއްގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެ ތަނުގެ ބަޔަކު ހިމެނި، އެކަހެރިވާން ޖެހުމުން ސިއްހީ މަރުކަޒުގެ ގިނަ މަސައްކަތްތަކެއް ހުއްޓިއްޖެ އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު މިއަދު ވިދާޅުވީ، މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ސިއްހީ މަރުކަޒާއި ބޭސް ފިހާރައިގެ ދެ މުވައްޒަފުން ވަނީ ފާހަގަކޮށްފަ އެވެ. އެ މީހުންނާ ގުޅުން ހުރި މަރުކަޒުގެ އިތުރު ބަޔަކު އެކަހެރިކުރުމާއެކު، ސިއްހީ ހިދުމަތް ވަރަށް ބޮޑަށް މެދުކެނޑިފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ތަން ގާތްގަނޑަކަށް ހުއްޓިފައި މި ވަނީ. ޒިންމާދާރުވެރިޔާ ވެސް، މަސައްކަތު މީހުން ވެސް ވަނީ އެކަހެރި ކޮށްފައި،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ ތަނުގައި ހިދުމަތް ދެނީ، ކައުންސިލް އިދާރާގެ ތިން މުވައްޒަފަކާއި ރަށުން ބޭރު ނަރުހަކު ގޮސްގެންނެވެ. ތަނުގެ މުވައްޒަފުންގެ ތެރެއިން، ދިވެއްސަކަށް ހުރީ ސިއްހީ މަރުކަޒުގެ މެނޭޖަރު އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

"ބޭސް ފިހާރަ ވެސް މިހާރު އެހެރީ ބަންދުކޮށްފައި. އެ ކަން ކުރަން ތިބި މީހުން ތިބީ އެކަހެރި ކޮށްފައި،" ތައުފީގް ވިދާޅުވި އެވެ.

ދެއްވަދޫގައި ކޮވިޑް އުޅޭކަން ޔަގީންވީ، މިދިޔަ މަހުގެ 24 ގައި ހެދި ސާމްޕަލް ޓެސްޓަކުން، ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ޕޮޒިޓިވްވުމުންނެވެ. އެކަމަކު، އޭގެ މާކުރިއްސުރެ، އެ ރަށުގައި ބަލިމަޑުކަން އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވަނީ ބުނެފަ އެވެ.

ގާތްގަނޑަކަށް 1،300 މީހުން އުޅޭ ދެއްވަދޫގައި އިއްޔެއާ ހަމައަށް 35 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، މިއަދު ވަނީ އިތުރު ހަތަރު މީހަކަށް އެ ބަލި ޖެހިފަ އެވެ. ދެއްވަދޫ ކްލަސްޓާގައި ހިމެނޭ ބަޔަކު ލ. ފޮނަދު އާއި ހުޅުމާލޭގައި ވެސް އެބަތިއްބެވެ. މިއަދު ވަނީ އެ އަތޮޅު ދާންދޫގެ ދެ މީހަކާއި ވިލިނގިލީ މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެ ހުރިހާ ރަށަކަށް ވެސް ބަލި ފެތުރިފައި ވަނީ ދެއްވަދު އަށް ދަތުރު ކުރުމުންނެވެ.

ދެއްވަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އެވްރެޖް އުމުރު އުޅެނީ 18-50 ގަ އެވެ. އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި އުމުރުން އެންމެ ދުވަސްވީ މީހަކީ 70 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަނީ އެ އަތޮޅު ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.

އެ ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ކައުންސިލުން ބުނެފައި ވެ އެވެ.