ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރެން ފެށީ، ހޯމް ކަރަންޓީނުގައި ހުރި ތުއްތު ކުއްޖެއްގެ ފަރާތުން ކަމަށް ބުނި ނަމަވެސް އެކަން ގަބޫލު ނުކުރާ ކަމަށް އެ ކުއްޖާގެ މަންމަ ބުނެފި އެވެ.
ދެއްވަދޫގެ 18 މީހަކަށް މިހާތަނަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރޭގައި ރެންޑަމް ސާމްޕަލް ނެގި މީހުން ވެސް ހިމެެނެ އެވެ. އެހެންވެ، ރަށުގެ އާއްމުންގެ ތެރޭގައި ބަލި ފެތުރެމުންދާ ކަމުގެ ބިރުވަނީ ބޮޑުވެފަ އެވެެ.
ދެއްވަދޫގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ގައި، ހަތަރު މަހުގެ ތުއްތު ކުއްޖެކެވެ. މާލޭން ރަށަށް ދިޔަ އާއިލާއެއް ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލުން އެންމެން ވެސް ނެގެޓިވް ކަމަށް، އެ ރަށު ސިއްހީ މަރުކަޒުން އެންގި އެވެ. އެއާ އެކު، ކަރަންޓީނުގައި ތިބި މީހުން ބޭރަށް ނުކުތް ނަމަވެސް، ޖެހިގެން އައި ދުވަހު ސިއްހީ މަރުކަޒުން ވަނީ އެއީ އޮޅުމެއް ކަމާއި ތުއްތު ކުއްޖާ ޕޮޒިިވް ކަމަށް އަންގައިފަ އެވެ.
އެއާ އެކު، ތުއްތު ކުއްޖާ އުރި މީހުން ހޯދައި، އެ މީހުންގެ ސާމްޕަލްތައް ޓެސްޓު ކުރި އިރު އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭނާގެ ފަރާތުން އެ އާއިލާގެ އިތުރު ހަ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
"މިހާރު"އާ ވާހަކަ ދައްކަމުން، ތުއްތު ކުއްޖާގެ މަންމަ ވަނީ، އެ ރަށުގައި މާކުރިއްސުރެ ބަލި އުޅޭކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން ބައެއް މީހުން މާގަދައަށް ހުން އައުމާއި ކެއްސުން ފަދަ އަލާމާތްތައް ހުރި ކަމުގެ ވާހަކަ ދައްކާ ކަމަށާއި އެކަމަކު އެއްވެސް މީހަކު ޓެސްޓު ނުކުރާ ކަމަށް ބުންޏެވެ.
އޭނާ ބުނިގޮތުގައި ކަރަންޓީނުން ދޫކޮށްލި ދުވަހު، ތުއްތު ކުއްޖާގެ ތިން ބޮޑުދައިތައިން ގޮސް އެ ކުއްޖާ އުރި އެވެ. އެ މީހުން ވެސް އެ ކުއްޖާއާ އެކު ހޭދަކުރީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި އެކަމަކު ޕޮޒިޓިވްވި ދައްތަ އޭރު ވެސް އުޅެނީ ކުޑަކޮށް ކެއްސާތީ ކަމަށް ބުންޏެވެ.
"ޕޮޒިޓިވްވި ދައްތަ މިގެއަށް އައި އިރު ވެސް އުޅެނީ ކެއްސާތީ. ދަރިފުޅުގެ ނަތީޖާ ލިބުމުގެ ކުރިން، ދައްތަގެ ފިރިމީހާ އާއި އޭނާގެ ދޯނިން ދަތުރު ކުރި ހަތަރު މީހަކު، ހުން އައިސްގެން މާބޮޑަށް ބަލިވެގެން ދޯނިން ބޭލި. އެ ގޭގެ އެހެން މީހުން ވެސް އުޅެނީ ބަލިވެ،" ތުއްތު ކުއްޖާގެ މަންމަ ބުންޏެވެ.
އޭނާ ބުނީ ކުޑަކުއްޖާ ޕޮޒިޓިވްވިކަން އެނގިގެން ދައްތަ ޓެސްޓު ހެދި އިރު، އެރޭ ދައްތަ ނިދީ ވެސް އަމިއްލަ ގޭގައި ކަމަށެވެ. އެކަމަކު އެ ގެ ކަރަންޓީނަށް ނުލައި ކަމަށާއި ޖެހިގެން އައި ދުވަހު އޭނާ ކަރަންޓީނު ކުރީ، ތުއްތު ކުއްޖާ އުރި އަނެއް މީހާއާ އެކު އެހެން ގެއެއްގައި ކަމަށް ބުންޏެވެ. ދައްތަގެ ގޭގެ މީހުން ބަލިވެ އުޅޭތީ ސިއްހީ މަރުކަޒުން، މި މަހުގެ 6 ވަނަ ދުވަހު ޓެސްޓު ކުރި އިރު އެގޭގެ ހަ މީހުންނަށް ވެސް ބަލިި ވަނީ ޖެހިފަ އެވެ.
"އަޅުގަނޑުގެ ދަރިފުޅު ވީމައެއް ނޫން، އެކަމަކު މި ރަށަށް އައި އިރު ވެސް އަޑުއެހިން ގިނަ ބަޔަކު ހުން އައިސް އުޅޭ ވާހަކަ. އަޅުގަނޑު އެ ވާހަކަ ދެއްކީމަ މީހުން ބުނަން ވެސް ބުނި މިއީ ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އަންނަ ހުންގަނޑެކޭ،" އެ ކުއްޖާގެ މަންމަ ބުންޏެވެ. "އެއްވެސް މީހަކު ޓެސްޓު ނުކުރަންޏާ ނޭނގޭނެ ނޫންތޯ."
މާލޭގައި ދިރިއުޅޭ ދެއްވަދޫގެ ގިނަ ބަޔަކު މިދިޔަ މަހުގެ ތެރޭގައި ތިބީ، ޗުއްޓީއަށް ރަށަށް ގޮހެވެ. އެކަމަކު ބައެއް މީހުން ކަރަންޓީނާ ހިލާފުވާކަމުގެ ވާހަކަ ކުރިއްސުރެ ރަށުގެ ތެރޭގައި ދެކެވެ އެވެ.
ދެއްވަދޫން 18 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ލ. ފޮނަދުއަށް ގޮސްފައިވާއިރު އެ ރަށުގެ ހަތަރު މީހަކަށް ވަނީ ބަލި ޖެހިފަ އެވެ
އެޗްޕީއޭ އިން މިހާރު ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގެ ފަހުން ދެއްވަދޫން އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް އަންގައިފަ އެވެ. ނޮވެމްބަރު 3 ގެ ފަހުން، ދެއްވަދޫން ފުރާފައިވާ މީހެއް ނަމަ ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށާއި ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބުމަށް ވެސް އަންގައިފައިވެ އެވެ.