މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ދޫކޮށްލަން ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ތިނަދޫން ހައްޔަރުކުރި ގާޒީ ރަޝީދު ދޫކޮށްލަން ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަަލަކު ވިދާޅުވި އެވެ.
އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ. އެ ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ އެ ކޯޓުގެ ފަނޑިިޔާރުންގެ މަޖިލީހުންނެވެ.
ރަޝީދު ދޫކޮށްލަން ހައި ކޯޓުން އަމުރުކުރީ އޭނާ ހައްޔަރު ކުރުމުގައި އަމަލުކުރި އިޖްރައާތު ގޯސްވުމުންނެވެ. އޭނާ ހައްޔަރު ކުރިއިރު އޭނާ މަސްތުވެގެން ހުރި ކަމަށް ފުލުހުން ބުނާއިރު އޭނާ ހައްޔަރުކުރި ސަރަހައްދުން މަސްތުވާތަކެެތި ފެނުނު ކަމަށް ވެސް ފުލުހުން ބުނެއެވެ.
ރަޝީދު ދޫކޮށްލި މައްސަލަ ފުލުހުންގެ އެދުމުގެ މަތިން އިސްތިއުނާފްކޮށްފައިވާއިރު މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުކަމުން ވެސް އިއްޔެ ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ކުށެއް ކުރަނިކޮށް ފެންނަ ހާލަތްތަކުގައި ފިޔަވައި އެހެން ހާލަތްތަކުގައި ފަނޑިިޔާރަކު ހައްޔަރު ކުރެވޭނީ އޭނާ މަސައްކަތް ކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށެވެ.