މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކުރި ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހައްޔަރު ކުރުމަކީ ފުލުހުން ރާވައިގެން ކުރި ކަމެއް ކަމަށާއި މަސްތުވާއެއްޗެއް އެތެރެކުރި ކަމަށް ބުނެ ކުރިން ވެސް އޭނާ ހައްޔަރުކުރި ކަމަށް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތިނަދޫން މިދިޔަ މަހު ހައްޔަރު ކުރި ރަޝީދު ދޫކޮށްލަން ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އިބްރާހިމް ރަޝީދު ވިދާޅުވީ މީގެކުރިން މިދިޔަ އަހަރާއި 2013 ވަނަ އަހަރު ވެސް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނެ އޭނާ ހައްޔަރުކުރި ކަމަށެވެ.

އެ ދެ ފަހަރު ވެސް އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުރުމަށް ފަހު ރާއްޖެ އައުމުން މާލެއިން ކަމަށާއި އެކަމަކު އެ ދެ ފަހަރު ވެސް އޭނާގެ ހަށިގަނޑު ފާސްކުރުމަށް ފަހު އޭނާ ދޫކޮށްލީ ކަމަށް ރަޝީދު ވިދާޅުވި އެވެ. އެކަމަކީ އޭނާގެ ވަޒީފާ ގެއްލުވާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި އެ ވާހަކަ ބައެއް މީހުން ގާތު ބައެއް ފުލުހުން ބުނެފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ހައްޔަރުކުރި ވަގުތު ކަން ހިނގައިދިޔަ ގޮތް ވެސް އޭނާ މިއަދު ވަނީ ޝަރީއަތުގައި ސިފަކޮށްދީފަ އެވެ. ރަޝީދު ވިދާޅުވި ގޮތުގައި އޭނާ ގެއަކުން ނިކުމެގެން ހިނގާފައި އޭނާގެ ސައިކަލާ ދިމާލަށް ދަނިކޮށް ކަޅު ހެދުމުގައި ތިބި ފުލުހުންތަކެއް އޭނާއާ ދިމާލަށް ފުންމައިގެން އައި ކަމަށާއި އެވަގުތު ބޮލުގައި އަތް އަޅައި، ބާރަށް ހަޅޭއްވަލައިގަނެވުނު ކަމަށެވެ.

އެވަގުތު އޭނާގެ އަތުގައި ބިޑި އަޅުވައި، އެކި ތަންތަން ފާސް ކުރަމުން ދަނިކޮށް ބިން މަތިން މަސްތުވާތަކެތި ފެނުނީ ކަމަށާއި އެކަމަކު އެފަދަ އެއްޗެއް ނުގެންގުޅޭ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އެކަމަކު ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހުން ފެނުމުން މަސްތުވާތަކެތި ބިންމައްޗަށް ރަޝީދު ވައްޓާލިތަން ފެނުނު ކަމަށް ތިން ފުލުހަކު ބަޔާން ދީފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދީ ރަޝީދު ވިދާޅުވީ މަސްތުވާތަކެތި ފެނުނީ އޭނާ ހައްޔަރުކުރި ތަނާ 11 ވަރަކަށް ފޫޓް ދުރުން ކަމަށާއި އޭތި ފެނުނީ ވެސް އޭނާ ހައްޔަރުކުރިތާ 11 ވަރަކަށް މިނެޓް ފަހުން ކަމަށެވެ. އަދި އޭނާ އެ މަސްތުވާތަކެތި އެއްލާލިތަން ފުލުހުންނަށް ފެނުނު ނަމަ އެތައް ފޫޓެއް ދުރަށް އަލިކޮށްގެން އެތައް އިރެއް ވަންދެން ފުލުހުން މަސްތުވާތަކެތި ފެނޭތޯ ބެލީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މަތީ ކޯޓުގެ އަމުރެއް ނެތި ރަޝީދު ހައްޔަރުކޮށްފަައިވާތީ އެވެ. އެފަދަ އަމުރެއް ނެތި ރަޝީދު ހައްޔަރުކުރީ އަމުރު ހޯދޭނެހާ ވަގުތު ނުލިބުމާއި ކުށެއް ކުރަނިކޮށް ރަޝީދު ފެނިފައިވާތީ އެ ހާލަތުގައި ކޯޓު އަމުރެއް ބޭނުން ނުވާނެތީ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ރަޝީދުގެ ފަރާތުން ބުނަމުންދިޔައީ އަމުރު ހޯދޭނެ ވަގުތު ތަނަވަސްވެފައި އޮތް ކަމަށާއި އެ ހާލަތުގައި އަމުރު ބޭނުންވާނެ ކަމަށެެވެ.

އަމުރެއް ނެތި ރަޝީދު ހައްޔަރުކޮށްފައިވާ މައްސަލާގައި ފަނޑިޔާރުންގެ ބެންޗުން ވެސް ވަނީ ފުލުހުންނާއި ދައުލަތާއި ސުވާލުތައް ކުރިމަތިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން ނުވަތަ ނޫންކަން އިއުލާން ކުރުމެއް ނެތި އެވެ.

އެ މައްސަލަ ފުލުހުން ބަލާތީ ރަޝީދު ވަނީ މެޖިސްޓްރޭޓްކަމުން ވެސް ސަަސްޕެންޑްކޮށްފަ އެވެ.