މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ދޫކޮށްލަން ހައި ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަން ނިންމައި، އެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.
ރަޝީދު ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު ގދ. ތިނަދޫންނެވެ. ފުލުހުން ބުނެފައި ވަނީ އޭނާ ހައްޔަރު ކުރި އިރު މަސްތުވެގެން ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށާއި އޭނާ ހައްޔަރުކުރި ސަރަހައްދުން މަސްތުވާތަކެތި ވެސް ފެނުނު ކަމަށެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ހައި ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ޖެހިގެން އައި ދުވަހު އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު ބާއްވަން ހަަމަޖައްސާފައިވާ އިރު އެ މައްސަލަ ބަލަން ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ކުށެއް ކުރަނިކޮށް ފެންނަ ހާލަތުގައި މެނުވީ ފަނޑިޔާރަކު ހައްޔަރު ކުރެވޭނީ އޭނާ މަސައްކަތް ކުރާ ކޯޓަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށެވެ.
ރަޝީދު ދޫކޮށްލާފައި ވިޔަސް ފަނޑިޔާރުކަމުން އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.