ޓޫރިޒަމް ދާއިރާ އަށް ނުކުންނަން ބޭނުންވާ މީހުންނަށް ޚާއްސަ ކޮށްގެން އެވިޑް ކޮލެޖުން ފަށާ "ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ސެޓްފިކެޓް 3" އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ހުއްދައާ އެކު، ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދޭނީ ހައުސް ކީޕިން އާއި ފްރޮންޓް އޮފީހުގެ ކަންކަން ހިންގާނެ ގޮތެވެ. އަދި ފުޑް އެން ބެވަރެޖެސް އާއި ކާތަކެތީގެ ސާފުތާހިރު ކަމާއި ރައްކާތެރިކަން ދަމަހައްޓާނެ ގޮތްތަކާ ގުޅޭ ގޮތުން ކޯހުގައި ކިޔަވައި ދޭނެ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ބުނިގޮތުގައި، ޓޫރިޒަމް ދާއިރާއާ ގުޅޭ ތަފާތު މައުލޫމާތު ފޯރުކޮށްދިނުމާއި އަމަލީ ތަޖުރިބާ ލިބޭނެ ގޮތް ވެސް ހަމަޖައްސައި ދޭނެ ކަމަށެވެ.

ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ވެސް ކޯހުގައި ބައިވެރިވެވޭނެ އެވެ. އޮންލައިންކޮށް ވެސް މި ކޯހުގައި ބައިވެރިވާން ހުށަހެޅޭނެ ކަމަށް އެވިޑް ކޮލެޖުން ބުނެ އެވެ.

އިންސްޓޯލްމަންޓް އުސޫލުން ފީ ދައްކަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެވިޑުން ބުންޏެވެ. އެފަދަ ދަރިވަރުން މަހަކު ދައްކަން ޖެހެނީ 888ރ. އެވެ.

އެވިޑް ކޮލެޖަކީ ހެޔޮ އަގުގައިމަތީ ތައުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ތަނެވެ.