އެވިޑް ކޮލެޖުގެ ގދ. ތިނަދޫ ކެމްޕަހުގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ކިޔަވާ 50 ދަރިވަރަކަށް ސްކޮލަޝިޕްގެ ލިޔުން ހަވާލުކޮށްފި އެވެ.

އެ ކޮލެޖުގެ ޗެއާމަން މުޝްތާގު އަބްދުﷲ ބައްޕަގެ ނަމުގައި ތައާރަފުކޮށްފައިވާ "ނައިބު ރަޝާދު ސްކޮލަޝިޕް" ފުރުސަތުތަކުގެ ތެރެއިން ތިނަދޫ ކެމްޕަހުގެ ދަރިވަރުންނަށް 100 ސްކޮލަޝިޕް ހާއްސަކޮށްފައިވެ އެވެ. އެކަމަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 50 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވެ އެވެ. އޭގެ ތެރޭގައި ފުލީ ފަންޑެޑް ސްކޮލަޝިޕާއި ކޯހުގެ ވަކި ބައެއް ސްޕޮންސާކޮށްފައިވާ ކޯސްތައް ވެސް ހިމެނެ އެވެ.

އެ ސްކޮލަޝިޕްގެ ދަށުން، އެހެން ކެމްޕަސްތަކާއެކު މުޅި ޖުމްލަ 200 އަށް ވުރެ ސްކޮލަޝިޕް ފުރުސަތު ހުޅުވާލި އެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން މިދިޔަ ހުކުރު ދުވަހު ތިނަދޫ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ލިޔުން ހަވާލުކޮށްދިނީ ޗެއާމަން މުޝްތާގެވެ. އޭގެ އިތުރުން އެ ކެމްޕަހުގައި މިއަހަރު އަލަށް ކިޔަވަން ފެށި ދަރިވަރުންނަށް މަރުހަބާ ކިޔުމަށް މިދިޔަ ބުރަސްފަތި ދުވަހު އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވާފައިވެ އެވެ.

ތިނަދޫ ކެމްޕަހުގައި މި ސެމިސްޓާގައި އަލަށް ފެށި ކޯސްތަކާއެކު ޖުމްލަ 12 ކޯހެއް ކުރިއަށްގެންދެ އެވެ. އެ ކޯސްތަކުގައި 200 އަށްވުރެ ގިނަ ދަރިވަރުން ތަފާތު ލެވެލްތަކުގައި އަންނަނީ މަތީ ތައުލީމް ހާސިލްކުރަަމުންނެވެ. އެ ކޯސްތަކުގެ ތެރޭގައި މާސްޓާ އޮފް އެޑިއުކޭޝަނާއި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ޑިޕްލޮމާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ.

އެވިޑް ކޮލެޖުގައި މިހާރު ވެސް 2000 އަށްވުރެ ގިނަ ދަރިވަރުން ތަފާތު ކޯސްތަކުގައި އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.